ކުޅިވަރު

އެނބުރި އައިސް ލަނޑު ޖަހައި މެސީ ޕީއެސްޖީ މޮޅުކޮށްދީފި

ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ޗުއްޓީ ނިންމައި އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ލިއޮނެލް މެސީ ލަނޑު ޖަހައި 2-0 އިން ޕީއެސްޖީ މޮޅުކޮށްދީފި އެވެ.

އަމިއްލަ ދަނޑުގައި އޭންޖާސް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި މެސީ ލަނޑު ޖެހީ 72 ވަނަ މިނެޓުގަ އެވެ. އޭގެކުރިން ޕީއެސްޖީގެ ފުރަތަމަ ގޯލު ފަސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫގޯ އެކިޓިކޭ އެވެ. ޕީއެސްޖީގެ ދެ ލަނޑު ޖަހަން ވެސް އެހީތެރިވެދިނީ ނޯޑީ މުކިއޭލީ އެވެ.

އުމުރުން 35 އަހަރުގެ މެސީ ވަނީ އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ހަތް ލަނޑު ޖަހައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. ވޯލްޑް ކަޕަށް ފަހު ޕީއެސްޖީގެ ޓީމާ އެންމެ ފަހުން ގުޅުނީ މެސީ އެވެ. މެސީ އަނބުރާ ޓީމާ ގުޅުމުން ހޫނު މަރުހަބާއެއް ޓީމުން ކި އެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ނޭމާ ގޯލެއް ޖެހިނަމަވެސް އެވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން ވަނީ ކެންސަލްކޮށްފަ އެވެ. މެޗުގައި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީ ކުޅެފައެއްނުވެ އެވެ. މި ދެކުޅުންތެރިންނަށް ވެސް ކްލަބުން ޗުއްޓީ ދީފައިވާތީ މިވަގުތު އުޅެނީ ޓީމާ ދުރުގަ އެވެ.

ރޭގެ މޮޅާ އެކު ޕީއެސްޖީ ލީގުގެ އެއްވަނައިގައި އޮތީ 18 މެޗުން ލިބުނު 47 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ލެންސް އަށް 18 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. ޕީއެސްޖީއާ ވާދަކުރަމުން އަންނަ ލެންސް ރޭ ސްޓްރޯސްބާގާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.