ޓާޓާ ކުންފުނިން އަރަބިއްޔާއާ ގާކޮށީގައި އަޅާ ހައުސިން ޔުނިޓްތައް ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ހައުސިން ޔުނިޓްގެ ފަރާތުން ކޮށްފައިވާ މަސައްކަތް ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒް ވިދާޅުވީ، އަރަބިއްޔާއާ ގާކޮށީގެ ފްލެޓްތަކުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށްގެންދަން ބޭނުންވާ ހަލުވި މިނުގައި މިހާރު ކުރިއަށްދާ ކަމަށެވެ.
ގާކޮއްޓާ އަރަބިއްޔާ ކުރިން ހުރި އިމާރާތުގައި ފްލެޓް އަޅަން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ މަސައްކަތް ހުއްޓާލަން ޖެހުނީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓާޓާ ކުންފުންޏާ ސަރުކާރާ ދެމެދު ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. އެއީ ނަޝީދުގެ ސަރުކާރުން ފްލެޓް އަޅަން ޓާޓާއަށް ދީފައި އޮތް ނާދީ ހުރި ބިން ސްޕްރީމް ކޯޓު އެޅުމަށް ދިނުމުން އެކަމުގައި އުފެދުނު މައްސަލަތަކުގަ އެވެ.
"އަޅުގަނޑުމެން ވަރަށް ހިތްހަމަ ޖެހޭ ސްޕީޑެއްގައި މިހާރު އެ މަސައްކަތް ކުރިއަށް ދަނީ. ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ޓީމުތައް އެ ދެ ސައިޓުގައި ވެސް ހަރަކާތްތެރިވާނެ މަސައްކަތް މޮނިޓާ ކުރަން ގޮސް. އެހެންވީމަ އަޅުގަނޑުމެން ޔަގީން ކުރަނީ މަސައްކަތަށް ދެން ހޭދަ ވާނީ ދެ މަޗްދުވަސް ކަމަށް،" ފާއިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓާޓާއިން އަރަބިއްޔާގައި އަޅާ 45 ހައުސިން ޔުނިޓް އެއްކޮށް ނިންމާ އަންނަ މަހުގެ ފަހުކޮޅު ސަރުކާރާ ހަވާލުކުރާނެ އެވެ. އަދި ގާކޮށީގައި އަޅާ 198 ޔުނިޓް ޖެނުއަރީ މަހު ހަވާލުކުރާނެ އެވެ. ފްލެޓްތައް ސަރުކާރާ ހަވާލުކުރުމުން އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކަށް ގުރުއަތުން ފްލެޓްތައް ބަހާނެ ކަމަށް ފާއިޒް ވިދާޅުވި އެވެ.
ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ފާއިޒް ވިދާޅުވީ، ގުޅީފަޅު ފްލެޓްތަކުގެ މައްސަލާގައި ގޮތް ނޭނގޭ ލިޔެކިޔުންތަކެއް އެބަހުރި ކަމަށެވެ. ސަރުކާރުން އަދިވެސް އެފަރާތްތަކަށް ފްލެޓް ދޭނެ ސީދާ ގޮތެއް ނުހޯދޭ ކަމަށާ އެ މައްސަލަ ހައްލުކޮށް އެ ފަރާތްތަކަށް ފްލެޓް ދޭނެ ގޮތް ހޯދަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
"ގުޅީފަޅުން ފްލްޓް ގަތް ފަރާތްތަކުގެ ތެރޭގައި އެބަ އުޅޭ، ދެކޮޓަރިއާ ހަތަރު ކޮޓަރިއާ ދެމެދަށް ފައިސާ ދައްކާފައި ތިބި މީހުން. އެއްބަޔަކު ހަމަ އެކަނި ޑައުން ޕޭމަންޓް ދައްކާފަ، އަނެއް ބަޔަކު ވަރަށް ބޮޑު އެމައުންޓެއް ދީފަ އެބަ ވޭ. އަދި އެއްބަޔަކު ކޭޝް އިންވެސް ފައިސާ ދައްކާފަ އެބަހުރި. އެއްބަޔަކު ފައިސާ ދައްކާފައި ވާކަން އެގޭޭ ފަދަ ޑޮކިއުމަންޓެއް ނުވެސް ނެތް. އެހެންވީމަ އެ މަސައްކަތް ކުރިއަށް ގެންދާނެ ސީދާ ގޮތެއް އަދިވެސް ކަނޑައެއް ނޭޅޭ،" ފާއިޒް ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވި ގޮތުގައި ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކަށް ލިބުނު ގެއްލުމަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭނެ އެވެ. އެ ފަރާތްތަކުގެ ޝަކުވާ ކޮންމެ ދުވަހަކުހެން ލިބެމުންދާ ކަމަށާ އެ ޝަކުވާތަކަށް އެޓެންޑް ކުރަމުންދާ ކަމަށެވެ.