ސްޓެލްކޯ

ސްޓެލްކޯ އަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް: މުޣުނީ

ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނެރޭ އަދި އިތުރު ކަނބަލުން މި ސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

މުޣުނީ މިހެން ވިދާޅުވީ ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް ތިނެއް އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ކޯހުގައި ޖުމްލަ 20 މީހަކު ބައިވެރިވި ނަމަވެސް، ކޮވިޑާއި ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަކޮށްފައިވަނީ 10 މީހެކެވެ. އެހެންނަމަވެސް ދަސްވެނިވެފައިވަނީ 8 ބައިވެރިއެކެވެ.

މިއަދު ބޭއްވި މިރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށް މަރުހަބާ ދަންނަވާ ކަމަށާއި، އަންހެނުންނަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގި މި ކޯހުގެ ބައިވެރިންނަކީ ތާރީހުގައި ލިޔެވިގެންދާނެ ބައެއް ކަމަށެވެ.

"މިއަދުގެ މެނޭޖްމަންޓާއެކު، މިކުންފުނި ވެފައި މިވަނީ މި ސިނާއަތައް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް" މުޣުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަކީ ހަމަ އެކަނި ސްޓެލްކޯގެ މުވައްޒަފުންނަށް ނުވުމަކީވެސް މި ސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އަދި ދެ ޖިންސްގެ ޒުވާނުންނަށްވެސް ސްޓެލްކޯ އަކީ ހުޅުވާލެވިފައިވާ މުއައްސަސާއެއް ކަން ހާމަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފުރުސަތުތަކާއެކު، މިކޯހުގެ އިތުރު ބުރެއް މިކުންފުނިން ފަށައިގެން ކުރިއަށް ދިއުން" މުޣުނީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ކަރަންޓުގެ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުރެވޭ މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު މިކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަގުބަލުގައި މި ދާއިރާއަށް ނިކުންނަށް ބޭނުންވާ އަންހެން ކުދިންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ކޯސް ނިންމި ބައިވެރިންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރިޔަމް ލަޔާލް ވިދާޅުވީ މި ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށެވެ. އަދި އެމަސައްކަތުގެ ހުނަރު އިތުރަށް ހޯދައި މަސައްކަތުގައި ކުރިއަށް ދިއުމަކީ ވެސް އަމާޒެއް ކަމުގައި ވިދާޅުވި އެވެ.