ހަބަރު

ސްޓެލްކޯ އިން އަންހެން އިލެކްޓްރީޝަނުން ތަމްރީން ކުރަނީ

ކަރަންޓު އުފައްދާ މައި ކުންފުނި، ސްޓެލްކޯ އިން އިލެކްޓްރީޝަނުން ގޮތުގައި އަންހެނުން ތަމްރީން ކުރުމަށް ކޯހެއް ފަށައިފި އެވެ.

އިލެކްޓްރޯނިކް ދާއިރާއަށް އަންހެނުން ތަމްރީނު ކުރުމުގެ ގޮތުން ކުރިއަށްގެންދާ 15 ހަފްތާގެ މި ކޯހުގެ ފުރަތަމަ ބެޗުގައި 21 ދަރިވަރުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ސްޓޭލްކޯގެ ބައެއް މުވައްޒަފުންނާއި އާމުންވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެކްލޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ގައުމު ކުރިއަރައިގެން ދާއިރު އެންމެ މުހިއްމު ކަމަކީ އާބާދީގެ ބޮޑު ބަޔެއް މަސައްކަތް ކުރުން ކަމަށެވެ. އަދި ވަކި ޖިންސަކަށް ރަނގަޅަށް މަސައްކަތް ނުކުރެވި އެ ފުރުސަތު ނުލިބޭ ކަމުގައި ވާނަމަ ގައުމު ކުރިއަރަން ދަތި ވާނެ ކަމަށް މުގުނީ ވިދާޅުވި އެވެ.

"ޓެކްނިކަލް ދާއިރާތަކަކީ ވަކި ބަޔަކަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި ބަޔަކު ގަބޫލު ކުރަމުންދާ ދިޔުން ބަދަލު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު އެ ވިސްނުން ބަދަލު ކުރުމަށް މަސައްކަތް ކުރާނަން،" މުގުނީ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ވަނީ އިލެކްޓްރީޝަނުން ތަމްރީނު ކުރުމުގެ ގޮތުން މީގެ ކުރިންވެސް ކޯސްތަކެއް ހިންގާފަ އެވެ. އެހެންނަމަވެސް އަންހެނުންނަށް ހާއްސަކޮށް ތަމްރީން ކޯހެއް ފެށި މިއީ ފުރަތަމަ ފަހަރެވެ. ސެޓްފިކެޓް ލެވަލް ތިނެއްގެ މި ކޯހަކީ ޓިވެޓް އޮތޯރިޓީގެ ސްޓޭންޑާޑް އާ އެއްގޮތަށް ކުރިއަށްގެންދާ ކޯހެއް ކަމުގައި ސްޓެލްކޯ އިން ބުންޏެވެ.

މި ކޯހުގައި ޕްރެކްޓިކަލް ބަަޔާއި ތިއަރީ ބައިތައް ކުރިއަށްގެންދާއިރު އަމަލީ ތަމްރީނުތައް ސްޓެލްކޯގެ ތެރޭގައި ކުރާނެ އެވެ.