އަބްދުﷲ ޝާހިދު

ކުރިޔަށްދާން އަންހެނުންނަށް ހިތްވަރު ދޭން ޖެހޭ: ޝާހިދު

ފިރިހެނުންނާއި އެއް ހަމާގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރުދީ ކުރިއަށްދާނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސާކް ގައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރުންގެ ތިން ވަނަ ބައްދަލުވުން ފަށަން ކްރޮސްރޯޑްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ތައުލީމަކީ ގައުމެއްގެ ފަގީރުކަން ނައްތާލައި ދޭނެ ހަތިޔާރު ކަމަށެވެ. އަދި ރީޖަނެއްގެ ތަރައްގީ އާއި ކުރިއެރުމުގެ އެންމެ މުހިންމު އެއް އަސާސަކީ ވެސް ތައުލީމު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ރީޖަންގެ ގައުމުތަކުން ތައުލީމީ ނިޒާމުގެ ތެރެއިން ކުރިއެރުންތަކެއް ހޯދައިފި ކަމަށާއި ނަމަވެސް އަދިވެސް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

"ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސްތަކާއެކު ކުރިއަށް ފިޔަވަޅު އަޅަމުންދާއިރު އަންހެނުންނަށް އެކި ރޮނގުތަކުން ދަސް ކުރެވޭނެ މަގުތައް އަޅުގަނޑުމެން ޖެހޭ އެޑަޕްޓް ކުރަން، ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތްކުރާ އަންހެނުންނަށް ހިތްވަރުދޭން ޖެހޭ، މަގުތައް ފަހިކޮށް ދޭން ޖެހޭ، އަޅުގަނޑުމެން ދިވެހިން ފަހުރުވެރިކަމާއެކު ގަބޫލުކުރާ އެއް ކަމަކީ މަންމައަކީ އަޅުގަނޑުމެންގެ ފުރަތަމަ ޓީޗަރު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސައުތު އޭޝިއާ ގައުމުތަކުން ތައުލީމީ ނިޒާމުގައި ކުރިއެރުންތަކެއް ހޯދާފައި ކަމަށެެވެ.

"ސްކޫލުތަކަށް ވަންނަ ކުދިންގެ އަދަދު އިތުރު ކުރެވިއްޖެ، ޕްރައިމަރީ ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުންވާ ހުރިހާ ފުރުސަތުތަކެއް ހުޅުވާލެވިއްޖެ، ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ އަދަދުވެސް އިތުރު ކުރެވިއްޖެ، އަޅުގަނޑުމެންނަށް ފެނިއްޖެ އަޅުގަނޑުމެންގެ އަންހެން ކުދިން އެއް ހަމައެއްގައި ސްކޫލާއި ކޮލެޖްތަކުގައި ފައިހަމަ ކުރަމުންދާ މަންޒަރު، އަދި ސްކޫލުތަކުން ޑްރޮޕް އައުޓްވާ ޒުވާނުންގެ އަދަދުވެސް މަދު ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އަދިވެސް ބައެއް ގައުމުތަކުން ކިޔަވައި ދިނުމުގައި ޖެންޑާގެ ތަފާތު ކުރުން ގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދެވޭނެ ފަހި ގޮތްތައް ގާއިމް ކުރުން ކަމަށެވެ. ތައުލީމީ ނިޒާމަކީ ގައުމުގެ އެކޮނޮމީ އާއި ތަރައްގީގެ އެއް އަސާސް ކަމަށެވެ. އެކަންކަން ކުރިއެރުވުމަށް ހަރުދަނާ ތައުލީމީ ނިޒާމެއް މުހިންމު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.