ހަބަރު

މަތީ ތައުލީމުގެ ބޮޑު ހިއްސާ އަންހެނުންނަށް

މަތީ ތައުލީމާއި ތަމްރީން ހޯދަމުން އަންނަ މީހުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި މިދިޔަ އަހަރުގެ މަތީ ތައުލީމާއި ތަމްރީނުގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މިދިއަ އަހަރުގެ މަތީ ތައުލީމާއި ތަމްރީނުގެ އަހަރީ ތަފާސް ހިސާބު ހިމެނޭ ފޮތެއް މިއަދު ވަނީ ނެރެފަ އެވެ. އެފޮތުގައި ދައްކާ ގޮތުން ކޮލެޖުތަކާއި ޔުނިވާސިޓީތަކުން މިދިޔަ އަހަރު 843 ޕްރޮގްރާމެއް ހިންގި އިރު 13 ހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. މީގެ 59 ޕަސެންޓަކީ އަންހެނުންނެވެ. ބާކީ 41 ޕަސެންޓު ހިއްސާ ކުރަނީ ފިރިހެނުންނެވެ.

އެންމެ ގިނަ ކޯސްތަކަކީ ފަސްޓް ޑިގްރީ އާއި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯސްތަކެވެ. މީގެ ތެރެއިން އެންމެ ގިނައިން ޕްރޮގްރާމްތައް ހިންގާފައި ހުރި ދާއިރާތަކަކީ، އެޑްމިނިސްޓްރޭޝަން އާއި ބިސްނަސް އަދި ލޯ އެވެ. ދެންް އެންމެ ގިނައީ، ތައުލީމީ ދާއިރާގެ ކޯސްތަކެވެ. އެންމެ މަދު ދާއިރާތަކުގެ ތެރޭގައި، ސޯޝަލް ސައިންސާއި ނޫސްވެރިކަން ހިމެނެ އެވެ.

ތަފާސް ހިސާބުތަކުގައިވާގޮތުން މިހާރު ކުރިއަށްދާ ތައުލީމާއި ތަމްރީނުތަކުގެ ކޯސްތަކުގެ ބޮޑު ހިއްސާއެއްވެސް އޮތީ އަންހެނުންނަށެވެ. އަންހެނުންގެ އަދަދު 64 ޕަސެންޓުގައި އުޅެ އެވެ.

މަތީ ތައުލީމާއި ތަމްރީނުދޭ 12 ތަނެއް އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ވާއިިރު އެންމެ ގިނަ ދަރިވަރުން ކިޔަވަނީ ގައުމީ ޔުނިވާސިޓީ ގަ އެވެ. އެ ތަނުގައި 26 ޕަސެންޓު ދަރިވަރުން ކިޔަވަ އެވެ. ދެން އެންމެ ގިނައީ ވިލާ ކޮލެޖެވެ.

ފޮތް ނެރެދެއްވަން މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މައުސޫމް ވިދާޅުވީ ގައުމެއް ތަރައްގީވުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާ ކުރަނީ މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގެ ފުރުސަތު ފަހިވެގެން ކަމަށާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި އެއްމެ މުހިންމު ކަމަކީ މަތީ ތައުލީމާއި ތަމްރީނު ކަމަށެވެ.

މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި، މަތީ ތައުލީމާއި ތަމްރީނާއި ގުޅޭ ތަފާސް ހިސާބަކީ ގަވާއިދުން ބަލަހައްޓާ އާއްމުކުރާ މައުލޫމާތަކަށް ނުވާތީ އެ ދާއިރާއިން ދިރާސާކުރާ ފަރާތްތަކަށާއި، މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގައި ދަތިތަކެއް ހުރި ކަމަށެވެ.