ބްރޫނާއީއިން ރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރުކުރުމަށް އެގައުމުން ނިންމައިފި އެވެ.
މިގޮތަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބްރޫނާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި، އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުންނެވެ.
ޝާހިދު ވަނީ މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ އާއި އެގައުމުގެ ސެކަންޑް ފޮރިން މިނިސްޓަރު އަދި އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާފަ އެވެ.
އަދި މި ބައްދަލުވުންތަކުގައި ރާއްޖެއަށް ބްރޫނާއީއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިހާރުވެސް ކޮންމެ އަހަރަކު ފަސް ސްކޮލާޝިޕް އެޤައުން ދޭކަން ފާހަގަކުރެއްވި އެވެ.
އަދި ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ސްކޮލާޝިޕްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝާހިދު އެދިވަޑައިގެންނެވި ފަދައިން ރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން ބްރޫނާއީ ސަރުކާރުން ދީފައިވާކަމަށްވެސް މިނިސްޓްރީން އިތުރަށް ބުންޏެވެ.
މިއީ ފަހުގެ ތާރީހެއްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު ބްރޫނާއީއަށް ރަސްމީ ދަތުރުކުރެއްވި ފުރަތަމަ ފަހަރެވެ. އެގޮތުން، 1999 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބްރޫނާއީއަށް ޒިޔާރަތްކުރައްވާފައެއް ނުވެ އެވެ.
ބްރޫނާއީގެ ރަސްގެފާނާ ބައްދަލުކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ މިއީ ރާއްޖެ-ބްރޫނާއީ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށެވެ.