އަފްޣާނިސްތާން

ކާބުލް އެއާޕޯޓުން ބޯޓު ފުރިއިރު ބައެއް މީހުން ފިޔަގަނޑުގައި އެލިގަނެގެން

Aug 16, 2021

ތަލިބާނުންގެ ބާރުގެ ދަށަށް މުޅި އަފްޣާނިސްތާނު ދިއުމާއެކު އެ ޖަމާއަތުގެ ކިބައިން ސަލާމަތްވާން ވެގެން އެމެރިކާގެ މިލިޓަރީ ބޯޓެއްގެ ފިޔަގަނޑުގައި އެލިގަނެގެން ގައުމު ދޫކޮށް ދާން އުޅުނު ބަޔަކު ބޯޓުން ވެއްޓިއްޖެ އެވެ.

އެ ބޯޓަކީ އެމެރިކާއައި އަފްޣާން ތިބޭ އެހެން ގައުމު ތަކުގެ ރައްޔިތުން އަފްޣާނިސްތާނުން ރައްކާތެރިކަމާއެކު ބޭރުކުރަންވެގެން ދިޔަ ބޯޓެކެވެ. ނަމަވެސް އަފްޣާނުގެ ރައްޔިތުންވެސް ދިޔައީ އެމީހުން އެ ބޯޓުގައި ގެންދިއުމަށް އެދި އާދޭސް ކުރަމުންނެވެ. އަދި ބައެއް މީހުން ފިޔަގަނޑުގައި އެލިގަނެގެން ތިއްބެވެ.

އެ ބޯޓު ކާބުލް އިންޓަނޭޝަން އެއާޕޯޓުން ނައްޓާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިޔަގަނޑު މަތީގައި ތިބި ބަޔަކު ވެއްޓޭ މަންޒަރު ސޯޝަލް މީޑިއާގައި ވެސް މިހާރު ވަނީ އާންމުވެފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހާދިސާގައި ތިން މީހަކު ވަނީ މަރު ވެސް ވެފަ އެވެ.

ވީޑިއޯތައް ބެލުމަށްފަހު ބައެއް މީހުން ބުނެފައިވަނީ ބޯޓުން ވެއްޓޭ ތަން ފެންނަނީ އިންސާނުން ނޫން ކަމަށެވެ. ނަމަވެސް ބޯޓު ރަންވޭއިން ނައްޓާލާއިރު ވެސް ބޯޓުގެ ފިޔަގަނޑުމަތީގައި މީހުން ތިބޭ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

ތަލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފީ އިއްޔެގެ ވަގުތެއްގަ އެވެ، އަދި ރިޔާސީ ގަނޑުވަރުވެސް މިހާރު އޮތީ އެމީހުން ބާރުގެ ދަށުގަ އެވެ.

ތަލިބާނުން ބުނީ 20 އަހަރަށް ފަހު އަފްޣާނިސްތާނުގެ ހަނގުރާމަ ނިމެއްޖެ ކަމަށާއި އަދި އާންމުން ބިރު ނުގަނެ ހަމަޖެހިގެން ތިބުމަށް ވަނީ ގޮވާލައިފަ އެވެ.

ތަލިބާނުން އަފްޣާނިސްތާން ހިފުމާ ގުޅިގެން އެގައުމުގެ ރައީސް އަޝްރަފް ޣަނީ އަހުމަދު ޒާއީ ވަނީ ފިއްލަވައި ގައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ.