ޓީޓީ

ޕެނަޖިއޯޓިސްއާ އެކު ޓީޓީ ޓީމަށް ރަނގަޅު ތަޖުރިބާއެއް

ގްރީސްގެ ތަޖުރިބާކާރު ޓީޓީ ކުޅުންތެރިޔާ ޕެނަޖިއޯޓިސް ޖިއޯނިސްއާ އެކު ދިވެހި ޓީޓީ ޓީމުން ރަނގަޅު ތަޖުރިބާއެއް ހޯދައިފި އެވެ.

ހުޅުމާލޭ ޓީޓީ ހޯލުގައި މިއަދު މެންދުރުފަހު ރާއްޖޭގެ ޓީޓީ ކުޅުންތެރިން ވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޓީޓީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕެނަޖިއޯޓިސް އާއި ބައްދަލުކޮށް ވަގުތު ކޮޅެއް ހޭދަކޮށްފަ އެވެ. އަދި މި އިވެންޓުގެ ތެރެއިން ކުޅުންތެރިން ވަނީ ޕެނަޖިއޯޓިސްއާއި އެކު ޓީޓީ ކުޅެ ރަނގަޅު ތަޖުރިބާއެއް ވެސް ހޯދާފަ އެވެ.

ޓޭބްލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމްގެ) ނައިބު ރައީސް އިބްރާހިމް ޝިއުރީ އަވަސް އަށް މިއަދު ވިދާޅުވީ މި އިވެންޓަކީ ޕެނަޖިއޯޓިސް އޮލިމްޕިކްސް މުބާރާތް ނިންމާލުމަށްފަހު ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް އައުމުން ޓީޓީއޭއެމް އިން ކުރި މަސައްކަތުން ހަމަޖެއްސި އިވެންޓެއް ކަމަށެވެ.

މި އިވެންޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕެނަޖިއޯޓިސް ބުނީ ރާއްޖޭގައި މިއޮތީ ވަރަށް އުއްމީދީ ޓީމެއް ކަމަށާއި ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވިއްޖެ ނަމަ ކާމިޔާބީއަށް ވާސިލުވާން ވަރަށް ފަސޭހަ ވާނެ ކަމަށެވެ. އަދި ކުރިއަރާ ދިއުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ގަވައިދުން ޕްރެކްޓިސް ކުރުން ކަމަށާއި، އޭނާގެ ކާމިޔާބީގެ ސިއްރަކީ ވެސް އެއީ ކަމަށް ޕެނަޖިއޯޓިސް ބުންޏެވެ.

އުމުރުން 41 އަހަރުގެ ޕެނަޖިއޯޓިސް އަކީ ފަސް ފަހަރެއްގެ މަތިން އޮލިމްޕިކްސްގައި ވާދަކޮށްފައިވާ މަދު ކުޅުންތެރިންގެ ތެރެއިން އެއް އެތުލީޓެވެ. އަދި އޭނާގެ އަމާޒު ހުރީ 2024 ވަނަ އަހަރު ޕެރިސްގައި އޮންނަ އޮލިމްޕިކްސްގައި ވެސް ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދުމަށެވެ.

ޕެނަޖިއޯޓިސް މިހާރު އޮތީ ދުނިޔޭގެ ރޭންކިންގެ 49 ވަނައިގަ އެވެ. މީގެ ކުރިން 2015 ވަނަ އަހަރު އޭނާ ވަނީ ރޭންކިންގެ 19 ވަނައަށް ވެސް އަރާފަ އެވެ.

ޓީޓީއޭއެމް އިން އަންނަނީ ރާއްޖޭގައި ޓީޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ މާޗު މަހު ޓީޓީއެމް އިން ވަނީ ދިވެހި ޓީޓީ ޓީމަށް އިރުޝާދު ދިނުމަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ކޯޗަކަށް ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ޓީޓީގެ އިންޓަނޭޝަނަލް ދެ މުބާރާތެއް މިއަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށްވެސް ޓީޓީއޭއެމް އިން ވަނީ ނިންމާފަ އެވެ.