އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ ދަތުރު ކޮށްފި އެވެ.
ދީމާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި ވަނީ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ކެޓަގަރީ އިންނެވެ.
ކުއާޓާ ފައިނަލުން ދީމާ ޖާގަ ހޯދީ އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ އާއި ޕާކިސްތާންގެ ހޫރު ފަވާދު ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި ހޫރުގެ މެޗުން ދީމާ ކުރިހޯދީ 11-08، 11-04 އަދި 11-09 އިންނެވެ. އަދި ދެ ވަނަ މެޗުގައި ދިޔޯރާ ބަލިކުރީ 12-10، 11-08 އަދި 11-05 އިންނެވެ.
މުބަރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ދީމާ ބައްދަލުކުރާނީ އީރާންގެ ޔެކްތާ އަބީދިއާން އާއި އުޒްބެކިސްތާންގެ އާސެލް އަރެކްބައޭވާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މުބާރާތުގެ ރޭންކިންގެ ދެވަނައިގައި 280 ރޭންްކް ޕޮއިންޓާއި އެކޮށް ދީމާ އޮތްއިރު، އެއް ވަނައިގައި އޮތީ އިންޑިއާގެ ސުހަނާ ސައީ އެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފަ އެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.
ދީމާ، 13، އަކީ އިންޑިވިޖުއަލް ކުޅިވަރުތަކަށް ބަލާއިރު، އެންމެ ޅަ އުމުރުގައި ރާއްޖެ އަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދިން ކުޅުންތެރިޔާ އެވެ.