ދިރާގު

ޓީޓީއޭއެމްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ޓީޓީއޭއެމް އަކީ ރާއްޖޭގައި އިންތިޒާމުކޮށް ބާއްވާ ޓޭބަލް ޓެނިސްއާ ގުޅުންހުރި ހުރިހާ ހަރަކާތެއް ބަލަހައްޓާ އެންނެ އިސް އިދާރާ އެވެ. މިއެސޯސިއޭޝަނަކީ ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑެރޭޝަންގެ މެމްބަރު ޖަމިއްޔާ އެކެވެ. އަދި ޓީޓީއޭއެމް އިން ވަނީ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަދަ ބައިނަލްއަގްވާމީ ހަރަކާތްތައް ރާއްޖޭގައި ބާއްވާފަ އެވެ.

މީގެ އިތުރުން މިއަހަރުގެ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޓޯނަމަންޓްވެސް އިންތިޒާމްކޮށް ބާއްވަނީ ޓީޓީއޭއެމް އިންނެވެ. ސާދަ ސްކޫލަކުން ބައިވެރިވާ މި ޓޯނަމަންޓް ކުރިއަށްދާނީ މާދަމާ އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ޓީޓީއޭއެމްގެ އަހަރީ ޑިވެލޮޕްމެންޓް ޕާޓްނަރަށްވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދެވޭ ފަދަ ކުޅަދާނަ، ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިން އުފެދިގެން އައުމަކީވެސް އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ކުޅިވަރަށް ފާގަތި މުސްތަގުބަލެއް،" މިރްޝާން ވިދާޅުވި އެވެ.

ޓީޓީއޭއެމްގެ ނައިބް ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް ދިރާގުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ދިރާގުގެ އެހީއާއެކު ބައިނަލްއަގްވާމީ އިތުރު ޓޯނަމަންޓްތައް ރާއްޖޭގައި އިންތިޒާމްކޮށް ކުރިއަށްގެންގޮސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރު ޓޭބަލް ޓެނިސް ކުޅުންތެރިންތަކެއް އުފެއްދުން،" ޝިއުރީ ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.