ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ އޮފިޝަލް ކޯޗިން އަދި ވެލްނެސް ޕާޓްނަރުން ދިރާގުން އިއުލާންކޮށްފި އެވެ.
ޑީއެމްއާރްއާރްގެ އޮފިޝަލް ކޯޗިން އަދި ވެލްނެސް ޕާޓްނަރުންނާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމަށް ތައްޔާރުވުމަށް ބައިވެރިންނަށް ހާއްސަ ކޯޗިން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިއީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން ފަސޭހަކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރަމުން އަންނަ ކަމެކެވެ.
މި އަހަރުގެ ކޯޗިން އަދި ވެލްނެސް ޕާޓްނަރުން:
- ސާއިދު ސްޕޯޓްސް (ކޯޗިން ޕާޓްނަރު): ފުރަތަމަ ފަހަރަށް ޑީއެމްއާރްއާރްގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ހިލޭ ތަމްރީނު ލިބޭނެ އެވެ.
- އެލީޓް ރަނާސް (ކޯޗިން ޕާޓްނަރު): ޑީއެމްއާރްއާރްގެ ބައިވެރިންނަށް މި ކްލަބް މެދުވެރިކޮށް ޕާސަނަލައިޒްޑް ޓްރެއިނިން ޕްރޮގްރާމަކާ އެކު ތަމްރީންވެވޭނެ އެވެ.
- ކްލަބް ކޭވައި ސްޕޯޓްސް (ކޯޗިން ޕާޓްނަރު): ކޯޗުން ޔަޒޫ އާއި ކްސާބާއާ އެކު ޑީއެމްއާރްއާރްގެ ޒުވާން ދުވުންތެރިންނަށް ތަމްރީންވެވޭނެ އެވެ.
- ދަ ވެލްނެސް ކްލަބް (ވެލްނެސް ޕާޓްނަރު): މަޝްހޫރު ރަނިން ކޯޗު މަރިޔަމް އަބްދުލް ކަރީމްގެ ފަރާތުން ފިޒިކަލް ފިޓްނަސް އަދި ވެލްނެސްއާ ގުޅޭ ގައިޑެޑް ސެޝަންތައް ބައިވެރިންނަށް ލިބޭނެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިއަހަރު ކުރިއަށްދާނީ ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު 4،000 ދުވުންތެރިންނާއެކު އެވެ.
މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.