ދިރާގު

ދިރާގުން އައިއޯއައިޖީގައި ރާއްޖޭއަށް ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކޮށްފި

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) 2023ގައި ރާއްޖެއިން ބައިވެރިވި ޓީމުތައް ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ އައިއޯއައިޖީގައި ރާއްޖެއަށް މެޑަލް ހޯދައިދިން ހުރިހާ އެތްލީޓުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރުންނާއި އެކި ކުޅިވަރު އެސޯޝިއަންތަކުގެ މަންދޫބުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފަ އެވެ. އެއީ ފަސް ރަން މެޑަލް، ނުވަ ރިހި މެޑަލް އަދި 14 ލޯ މެޑަލް އެވެ.

މެޑަލް ލިބުނު ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، އެތުލެޓިކްސް، ޕަރަ އެތުލެޓިކްސް އަދި ޓައިކްވޮންޑޯ އެވެ.

ދިރާގުން ބޭއްވި މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ އައިއޯއައިޖީގައި މެޑަލް ހޯދި 48 މެޑަލިސްޓުންނަށް ހާއްސަ އިނާމެއް ހަދިޔާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިކާމިޔާބީ ހާސިލްކުރުމަށްޓަކައި އެތުލީޓުން ކެނޑިނޭޅި ކުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ކުރިއަށް އޮތް ތަނުގައި ވެސް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ އައިއޯއައިޖީގައި އެތުލީޓުން ހޯދި މޮޅު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ގިނަ ޖަމިއްޔާތަކާއެކު ދިރާގުން ގާއިމުކޮށްފައިވާ ޑިޖިޓަލް އަދި ޑިވެލޮޕްމަންޓް ޕާޓްނަޝިޕް ފާހަގަކޮށް، ރާއްޖޭގެ ކުޅިވަރު ދާއިރާއާއި އެތުލީޓުން ކުރިއެރުވުމަށް އެހީތެރިވުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ކަމަށްވެސް އިސްމާއިލް ވަނީ ވާހަކަދައްކަވާފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދިވެހި ޒުވާނުން އިތުރަށް ކުރިއަރުވާ ކަންކަމަށް އެއްބާރުލުން ދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.