ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.
ކްލަބް މޯލްޑިވްސް އަކީ 2005 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ޖަމިއްޔާ އެކެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތްތައް ބާއްވަމުން ދަނީ ވެސް ކްލަބް މޯލްޑިވްސް އެވެ.
މި މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފުޓްސަލް ތަރައްގީކޮށް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުޓްސަލް ކުރިއެރުވުމެވެ.
ދިރާގާއި ކްލަބް މޯލްޑިވްސްގެ ޕާޓްނަޝިޕްގެ ދަށުން މިއަހަރުގެ ތެރޭގައި ހަތަރު މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އެއީ 18/30 ތާޓީ ކްލެސިކް 2023، އަށާރަ ތިރީސް 2023، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް 2023 އަދި ކްލަބް މޯލްޑިވްސް 2023 އެވެ. 18/30އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތެވެ.
އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ މައިގަނޑު އެއް ދާއިރާއަށްވެފައި މިއަހަރުގެ ޝެޑިއުލް މުބާރާތްތަކުގެ ސިލްސިލާއަށް މި އާ އެޑިޝަން ހިމެނުމަކީ އެ ކުންފުނިން ވަރަށް އުފާކުރާ ކަމެއް ކަމަށް ދިރާގުން ބުނެ އެވެ.
މި އަހަރު ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަން ދެ މުބާރާތް -- ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި އަންހެން ޑިވިޝަން ދެ މުބާރާތް -- 18/30 ފިއެސްޓާ އަދި 18/30 ކްލަސިކް ކުރިއަށްދާނީ އެކުއެކީގައި މި މަހުގެ 14 ވަނަ ދުވަހު އެވެ.
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދެމުންނެވެ.