ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތަށް ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކޮލިފައި ވެއްޖެ އެވެ.
ދީމާ ކޮލިފައި ވެފައި ވަނީ މި މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ މެއިން ޑްރޯ އަށެވެ.
މިއީ ވޯލްޑް ޓީޓީ މުބަރާތުން ރައްޖޭގެ ކުޅުންތެރިއަކު ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ޓީޓީ މުބާރާތުން ޖާގަ ހޯދައި ތަރީހުގެ ތެރެއަށް ދީމާ ވަތް އިރު އޭނާގެ އުމުރަކީ އެންމެ 13 އަހަރެވެ.
ވޯލްޑް ޖޫނިއާ ޓީޓީ މުބާރާތަށް ދީމާ ކޮލިފައިވީ ބައިނަލްއަގްވަމީ މުބާރާތް ތަކުގައި އޭނާ ހޯދާފައިވާ ކާމިޔަބީގެ އިތުރުން ދުނިޔޭގެ ރޭންކިންގައި ދީމާ ހޯދާފައިވާ ކުރިއެރުމަށް ބަލާފަ އެވެ. މުބާރާތަށް ކޮލިފައިވި 24 ކުޅުންތެރިންގެ ލިސްޓްގައި ދީމާ އޮތީ 13 ވަަނައިގަ އެވެ.
ދުނިޔޭގެ ރޭންކިންގައި 15 އަހަރުން ދަށުގެ ކެޓަގަރީން 20 ވަނައިގައި މިހާރު އޮތް ދީމާ ވަނީ މިޮދިޔަ އޭޕްރީލް މަހު ރޭންކިންގެ އަށް ވަނައަށް ވެސް އަރާފަ އެވެ. ދުނިޔޭގެ ރޭންކިންގައި 17 އަހަރުން ދަށުގެ ކެޓަގަރީން ދީމާ މިހާރު އޮތީ 77 ވަނައިގަ އެވެ. މީގެ ކުރިން ދުނިޔޭގެ ރޭންކިންގައި 17 އަހަރުން ދަށުގެ ކެޓަގަރީގެ 41 ވަނައަށް ވެސް ދީމާ އެރި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދީމާގެ މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ. ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ފަހުރުވެރިވާ ފަދަ ރަނގަޅު ނަތީޖާއެއް މި މުބާރާތުގައި ދީމާ ނެރޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ދީމާ ވަނީ އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ.
ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފަ އެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.
ދީމާ އަކީ އިންޑިވިޖުއަލް ކުޅިވަރުތަކަށް ބަލާއިރު، އެންމެ ޅަ އުމުރުގައި ރާއްޖެ އަށް އެންމެ ގިނަ ކާމިޔާބީ ހޯދައިދިން ކުޅުންތެރިޔާ އެވެ.