މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުން ފެށުން ރަނގަޅު ކޮށްފި އެވެ.
މި މުބާރާތް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. ސެޕްޓެމްބަރު 28 އިން އޮކްޓޫބަރު ފަހަކަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޑިވިޝަނުން ޖުމްލަ އަށް ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެ އެވެ.
މުބާރާތުގައި ބުދަ ދުވަހު އަންހެން ޓީމު ކުޅުނު ޓީމު އިވެންޓުން ރާއްޖެ ޓީމު ވަނީ ބަންގްލަދޭޝް އާއި ގަތަރުގެ މައްޗަށް ކުރި ހޯދާފަ އެވެ. ގަތަރާއި ބައްދަލުކުރި މެޗުން ރާއްޖެ މޮޅުވި 3-1 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ޓައި ގައި އައިޝަތު ރަފާ ނާޒިމް މޮޅުވީ 3-1 ގެ ނަތީޖާ އަކުންނެވެ. އެކަމަކު ދެވަނަ ޓައިގައި ފާތިމަތު ދީމާ ވަނީ 3-2 ސެޓުން ބަލިވެފަ އެވެ. ރާއްޖެ މޮޅުވީ ތިންވަނަ ޓައިގައި ލައިސާ ފަތުހުﷲ ސީދާ ތިން ސެޓުން މޮޅުވުމުގެ އިތުރުން އޭގެ ފަހުން ކުޅުނު ޓައިގައި ދީމާ ވެސް ސީދާ ތިން ސެޓުން މޮޅު ވުމުންނެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. އެ މެޗުގައި ރަފާ އާއި، ދީމާ އަދި ލައިސާ ކުޅުނު ތިން ޓައިވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.
އަންހެން ޑިވިޝަންގެ އިތުރުން ރާއްޖޭގެ ފިރިހެން ޑިވިޝަން ވެސް ބުދަ ދުވަހު ކުޅުނެވެ. އޮމާން އާއި ބައްދަލުކުރި މި މެޗުން ރާއްޖެ މޮޅުވީ 3-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ޓައިއިން މޫސާ މުންސިފް ވަނީ ބަލިވެފަ އެވެ. އެކަމަަކު ދެވަނަ ސެޓުގައި ޝައްފާން އިސްމާއީލް 3-1 ގެ ނަތީޖާ އަކުން މޮޅުވި އެވެ. ނަމަވެސް ޖެހިގެން އައި ޓައިގައި ޒީސްތު ނަސީމް ވަނީ ބަލިވެފަ އެވެ. ހަތަރު ވަނަ ޓައިގައި މުންސިފް 3-2 އިން މޮޅުވިއިރު، ފަސްްވަނަ ސެޓް ޝައްފާން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
ކޮވިޑް-19ގެ މެދުކެނޑުމަށްފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ޓީޓީ ޓީމު ފުރަތަމަ ފަހަރަށް ވާދަކުރާއިރު، މިފަހަރުގެ މުބާރާތުގެ އަމާޒަކީ ދެކުނު އެފްރިކާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީމް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުން ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވި އެވެ.