އެޑްވަޓޯރިއަލް

ސެޕްޓެމްބަރު އިންޓޭކަށް މައި ކޮލެޖުން އާ ކޯސްތަކެއް

މައި ކޮލެޖުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގެ ކޯސްތައް އިއުލާން ކޮށްފި އެވެ.

މައި ކޮލެޖުން އާ އިންޓޭކްގެ ކޯސްތައް އިއުލާން ކޮށްފައި ވަނީ އެ ކޮލެޖުން މިއަދު ބޭއްވި ވާޗުއަލް އޯޕަން ޑޭ އިވެންޓުގަ އެވެ.

މައި ކޮލެޖުން މިއަދު ވަނީ އާ ތިން ކޯސް އިއުލާނުކޮށްފަ އެވެ. އެއީ މާސްޓާސް ޑިގްރީގެ ދެ ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ކޯހެކެވެ. ސެޓްފިކޭޓް ލެވެލް ތިނެއްގެ ކޯހަކަށް މައި ކޮލެޖުން އަލަށް ތައާރަފް ކުރީ ދަނޑުވެރި ކަމާ ގުޅޭ ކޯހެކެވެ.

"ސެޓްފިކޭޓް ލެވެލް ތްރީ އިން ގާޑަނިން" ގެ ނަމުގައި ފަށާ މި ކޯހަކީ ގެވެށި މާހައުލެއްގައި ދަނޑުވެރިކަން ކުރަން ދަސްކޮށްދޭ ކޯހެއް ކަމަށް މައި ކޮލެޖުން ބުންޏެވެ.

ކޮލެޖްގެ ރެކްޓާ ލަމްޔާ އަބްދުލްހާދީ ވިދާޅުވީ މި ކޯހަކީ ގްރޭޑް ހައެއް ފުރިހަމަ ކޮށްފައިވާ ކޮންމެ މީހަކަށް ވެސް ބައިވެރި ވެވޭނެ ކޯހެއް ކަމަށެވެ. އަދި މި ކޯސް ނިންމާ ކޮންމެ ދަރިވަރަކަށް ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ ސެޓްފިކެޓެއް ލިބިގެން ދާނެ ކަމަށެވެ. މިއީ ފަސް މަސް ދުވަހުގެ ކޯހެކެވެ.

"މި ކޯހުގައި ގެވެށި މާހައުލެއްގައި ދަނޑުވެރިކަން ކުރަން ދަސްކޮށްދޭނެ. އަދި ސިއްހަތަށް އެންމެ ފައިދާހުރި ގޮތަކަށް ދަނޑުވެރިކަން ކުރަން ދަސްކޮށްދޭނެ" ލަމްޔާ ވިދާޅުވި އެވެ.

ލަމްޔާ ވަނީ ދަނޑުވެރިކަމުގެ މި ކޯހުގެ އިތުރުން މައި ކޮލެޖުން އަލަށް ތައާރަފް ކުރި ދެ މާސްޓާސް ޑިގްރީ ކޯހާއި ބެހޭ މައުލޫމާތުވެސް ހިއްސާ ކުރައްވާފަ އެވެ. އަލަށް ތައާރަފް ކުރި މާސްޓާސް ދެ ކޯހަކީ "މާސްޓާސްް ޑިގްރީ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން" އަދި "މާސްޓާސް ޑިގްރީ އިން އިސްލާމިކް ސްޓަޑީސް" އެވެ. ލެވެލް ނުވައެއްގެ މި ދެ ކޯހަކީ އެއް އަހަރު ދުވަހުގެ ކޯސްތަކެކެވެ.

ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މާސްޓަސް ޑިގްރީ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ކޮންމެހެން ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ބެޗްލާސް ޑިގްރީއެއް އޮންނާކަށް ނުޖެހޭނެ އެވެ. މި ޕްރޮގްރާމުގައި އެހެން ދާއިރާއަކުން ބެޗްލާސް ހާސިލް ކޮށްފައިވާ ފަރާތްތަކުން ވެސް ބައިވެރިވުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް މި ފަރާތްތަކުން ފުރަތަމަ "ޕްރީ މާސްޓާސް" ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް މައި ކޮލެޖުން ބުންޏެވެ.

ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލް ކޮށްފައިވާ ކޮންމެ ފަރާތަކަށް މާސްޓާސް ޑިގްރީ އިން އިސްލާމިކް ސްޓަޑީސް ކޯހުގައި ބައިވެރިވެވޭނެ އެވެ.

އަލަށް ހުޅުވާލެވުނު މި ދެ މާސްޓާސް ޑިގްރީ ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ސްކޮލާޝިޕް ފުރުސަތު އޮތް ކަމަށް ވެސް މައި ކޮލެޖުން ވަނީ ބުނެފަ އެވެ. މި މަހުގެ ނިޔަލަށް މި ދެ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަށް ސްކޮލަޝިޕަށް ކުރަންޖެހޭ ހަރަދުގެ 50 ޕަސެންޓް ފްރީ ވާނެ އެވެ.

ކުރިއަށް އޮތް އިންޓޭކަށް އަލަށް ތައާރަފް ކުރި ކޯސްތަކުގެ އިތުރަށް ތަފާތު ދާއިރާތަކަކުން މައި ކޮލެޖުގެ ހުރިހާ ކެމްޕަހަކު ވެސް ކިޔެވޭނެ ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ. ރެކްޓާ ލަމްޔާ ވިދާޅުވި ގޮތުގައި މައި ކޮލެޖްގެ ކެމްޕަސްތައް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެ އެވެ. މީގެ އިތުރުން އޮންލައިންކޮށް ކޯސްތަކުގައި ބައިވެރިވެ ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް ލަމްޔާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގެ ކޯސްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެޕްލައި ކުރާ ފަރާތްތަކަށް ޑިސްކައުންޓްތަކެއް ދިނުމަށް މައި ކޮލެޖުން ވަނީ ނިންމާފަ އެވެ. މައި ކޮލެޖުން އަލަށް ފަށާ ކޯސްްތަކާއި އިތުރު އެހެން ކޯސްތަކުގެ މައުލޫމާތު މައި ކޮލެޖްގެ ވެބްސައިޓް، އަދި ހޮޓްލައިން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެ އެވެ.