މަތީ ތައުލީމް

ހިލޭ ޑިގްރީއަށް ފަސް އަހަރުގެ ތެރޭގައި 695 މިލިއަން ރުފިޔާ ހޭދަކޮށްފި

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށް ފާއިތުވި ފަސް އަހަރު 695 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ މީހެއް ކަމަށްވާ އަފްރާހު އިސްމާއީލް އެދިގެން އެ މިނިސްޓްރީން ދިން ތަފާސްހިސާބުތަކުގަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެ އަދަދަކީ 2019 އިން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ޑިގްރީ ޕްރޮގްރާމަށް ހޭދަކުރި މިންވަރެެވެ. ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 20.337 ދަރިވަރަކަށް ވަނީ ހަރަދުކޮށްފަ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ދެ ޔުނިވާސިޓީއަށާއި ނުވަ ކޮލެޖަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި 695 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މި ޕްރޮގްރާމްއަކީ "ބޮޑު ސްކޭމް" އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ބަލާލަން އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ. އިއްޒަތްތެރި ރައީސް، ހިލޭ ޑިގްރީ ޕްރޮގްރާމް ދިވެހިރާއްޖޭގެ ޒުވާނުންނަށް، މަތީ ތައުލީމު އުނގެނޭ ދަރިވަރުންނަށް ހިންގާފައި އޮތް ގޮތަކީ ކޮބާކަން އަޅުގަނޑުމެން އެބަ ބަލައިލަން ޖެހޭ އިއްޒަތްތެރި ރައީސް. މަތީ ތައުލީމު ނުވަތަ ހިލޭ ޑިގްރީ ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތުގައި،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ޕްރައިވެޓް ކޮލެޖްތަކުން ހިންގަމުންދިޔަ ކޯސްތަކުގެ އަގު ވައްޓާލައި 60 ޕަސެންޓަށް ސަބްސިޑީއެއްދޭ އުސޫލުންނެވެ.

ނަތީޖާއެއްގެ ގޮތުން ފެނިގެންދިޔައީ ޕްރައިވެޓް ކޮލެޖުތައް އިނދަޖެހުނު މަންޒަރު ކަމަށް ޝުޖާއު ވިދާޅުވި އެވެ.