ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ވަކީލަަކަށް އާ ބޭފުޅެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހައެއް ފަހެއްގައި ދިން ހަމަލާއަށް ފަހު ހަމަލާގެ ތަހުގީގު ހިނގާ ގޮތް ބަލައި އަދި އެމަނިކުފާނު ތަމްސީލުކުރެއްވުމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ވަކީލަކު ހަމަޖައްސަވައިފި އެވެ.

އެ މަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ހަމަޖެއްސެވީ އިނގިރޭސިވިލާތުގެ ޑަފްޓީ ސްޓްރީޓް ޗެމްބާޒް ލަންޑަންގެ ވަކީލެއް ކަމަށްވާ ކްރިސްޓީ ބްރައިމްލޯ ކިޔާ އަންހެން ބޭފުޅެކެވެ.

އެކަމަނާއަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގައި މަޝްހޫރު ބޭފުޅެކެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައީސް ނަޝީދަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އެކަމަނާގެ ތަޖުރިބާގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ހާއްސަކޮށް އެ ހަމަލާ ރާވާ ހިންގައި އަދި ފަންޑުކުރި މީހުން ހޯދުމަށް އެކަމަނާ މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަރުދަނާ ޑިމޮކްރަސީއަކަށް ފުރިހަމަ އަދުލުގެ ނިޒާމެއް ބޭނުންވާ ކަމަށެވެ. ހަމަ އެހެންމެ ކޮންމެ އިންސާނަަކަށް ވެސް ސަލާމަތްތެރިކަމާއި ހައްގުތައް ބޭނުންވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމާލާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ތަހުގީގާއި، ކޯޓު މަރުހަލާގެ ކަންތައްތައް ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން މީގެ ކުރިން މަންދޫބެއް ހަމަޖެއްސި އެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އެވެ.

ޓެރަރިސްޓް ހަމަލާއަށް ފަހު އިނގިރޭސިވިލާތަށް އިތުރު ފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު އަދިވެސް ހުންނެވީ އެގައުމުގަ އެވެ. އަދި ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.