އަފްޣާނިސްތާން

އަޝްރަފު ޣަނީ ވީތަނެއް އެނގޭ މީހަކު އެބަ އުޅޭތަ؟

މުހައްމަދު އަޝްރަފް ޣަނީ އަހްމަދު ޒާއީ – ދެން މިހާރު ނިސްބަތްކުރަން ވާނީ އަފްޣާންގެ ކުރީގެ ރައީސްގެ ގޮތުގަ އެވެ. އެކަމަކު މިއުޅެނީ ޣަނީ 72، ވަޑައިގެންނެވި ގައުމެއް، ވީތަނެއް އެނގޭ މީހަކާ ދިމާނުވެގެންނެވެ.

އަފްޣާނަށް ތާލިބާނުން ވެރިވެގަތުމާ ގުޅިގެން ޣަނީ ގައުމު ދޫކުރެއްވިކަން ޚަބަރުތަކުން އެނގެ އެވެ. ފުރަތަމަ ބުނެވުނީ ޣަނީ ވަޑައިގަތީ ތަޖިކިސްތާނަށް ކަމަށެވެ. ޖެހިގެން އިވުނު ޚަބަރުގައި އޭނާ ހުންނެވީ އުޒްބެކިސްތާންގައި ކަމަށް ބުންޏެވެ.

ޣަނީ ގައުމު ދޫކުރައްވައި ފިއްލެވީ ކަމަށް ވެސް ބުނެވުނެވެ. އަދި ކުރިން ބުނި ދެގައުމުން ކުރެ ގައުމަކުން ޣަނީއަށް މަރުހަބާ ނުކިޔުމުން އޭނާ ދެން ވަޑައިގަތީ އޮމާންއަށް ކަމަށްވެ އެވެ. އެކަމަކު މިހާރު ހުންނެވި ތަނެއް އެނގޭ އެކަކު ވެސް ނެތެވެ.

ސޯޝަލް މީޑިއާގައި ފެށިފައި އޮތް މިބަހުސް އަދި ވެސް ދަނީ ކުރިއަށެވެ. ބައެެއް މީހުން ބުނާ ގޮތުން ޣަނީ ގައުމު ދޫކުރެއްވި ވަގުތާ ދިމާކޮށް އަފްޣާނުން ފްލައިޓެއް އަބޫދާބީއަށް ޖެއްސި އެވެ. އެވާނީ ޣަނީ ދަތުރުކުރެއްވި ފްލައިޓަށެވެ. އެކަމަކު މި ބުނުމަށް ރަސްމީކޮށް ހިތްވަރުދޭނެ މީހަކު ނުވި އެވެ.

ޣަނީ އަކީ ދެގައުމެއްގެ ޕާސްޕޯޓް ގެންގުޅުއްވާ ބޭފުޅެކެވެ. އެއީ އެމެރިކާއާ އަފްޣާނިސްތާނެވެ. ޣަނީ މިވަގުތު އޮމާންގައި މަޑުކޮށްލައްވައިގެން ހުންނެވީ އެމެރިކާއިން ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށް ބުނާ ޓްވީޓްތަކެއް ވެސް ފެތުރިއްޖެ އެވެ. އެކަމަކު އަދި ވެސް މިއުޅެނީ ޣަނީ ހުންނެވި ތަނަކާ މެދު ވަކި ގޮތެއް ނިންމަން ނޭނގިގެންނެވެ.

އިނގިރޭސިވިލާތުގައި 20 އަހަރު ވަންދެން ޣަނީ ދިރިއުޅުއްވި އެވެ. އަނެއްކޮޅުން ޣަނީ އަކީ ޑރ. ޣަނީ އެވެ. އޭނާ އަކީ އެންތްރޮޕޮލޮޖިސްޓެކެވެ. ޑޮކްޓަރަކަށް ވާތީ އާމްދަނީ ހޯއްދަވަން ރަނގަޅު ވަޒީފާއެއް ވެސް ލިބިވަޑައިގަންނަވާނެ އެވެ. އިނގިރޭސިވިލާތުން ނުވަތަ އެމެރިކާއިން ވެސް ރަނގަޅު އޮފާއެއް ދެއްވަފާނެ އެވެ.

އަބޫދާބީއަށް ޖެއްސި ފްލައިޓްގައި ޣަނީ އިންނެވި ނަމަ، ދެން އޮތް ބޮޑު ވާހަކައަކަށް ވަނީ މެދުއިރުމަތީ ގައުމުތައް ބައިވެރިވެ ތާލިބާނުންނާ މަޝްވަރާކުރުމަށް ޣަނީ ގަތަރަށް ވަޑައިގަންނަވާ ވާހަކަ އެވެ. އެކަމަކު މިވާހަކަ އެކަކު ވެސް ނުދައްކަ އެވެ.

ޓްވިޓާގައި ހުރި ބައެއް ޕޯސްތައް ބުނާ ގޮތުން ޣަނީ އޮމާންގައި ބަހައްޓަން އެގައުމުން ރުހޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސް އެމެރިކާއިން ބާރުއަޅައިފި ނަމަ ވަގުތީ ގޮތުން ދުވަސްކޮޅަކަށް ބަހައްޓަވާފާނެ އެވެ.

ޣަނީގެ ހާލަތާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައެއްގައި ރަސްމީ ބަރުދަނެއް ނެތެވެ. އޮތް ހަމައެކަނި ގޮތަކީ ޣަނީ އަމިއްލަފުޅަށް ހާލަތު ބަޔާންކުރައްވައި ހުންނެވި ތަނެއް އަންގައި ދެއްވުމެވެ. ޣަނީ ވަޑައިގެންނެވި ތަނެއް ނޭނގިން އެންމެން މިތިބީ ކަންބޮޑުވެ ހާސްވެފަ އެވެ.