ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ ވަކީލަަށް ހަރަދެއް ނުކުރަން: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހައެއް ފަހެއްގައި ދިން ހަމަލާއަށް ފަހު ހަމަލާގެ ތަހުގީގު ހިނގާ ގޮތް ބަލައި އަދި އެމަނިކުފާނު ތަމްސީލުކުރެއްވުމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ވަކީލަކު ހަމަޖައްސަވާފައިވާއިރު އެ ވަކީލަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް މަޖިލީހުން ބުނެފި އެވެ.

އެ މަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ހަމަޖެއްސެވީ އިނގިރޭސިވިލާތުގެ ޑަފްޓީ ސްޓްރީޓް ޗެމްބާޒް ލަންޑަންގެ ވަކީލެއް ކަމަށްވާ ކްރިސްޓީ ބްރައިމްލޯ ކިޔާ އަންހެން ބޭފުޅެކެވެ.

އެކަމަނާއަކީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގައި މަޝްހޫރު ބޭފުޅެކެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރައީސް ނަޝީދަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް އެކަމަނާގެ ތަޖުރިބާގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ހާއްސަކޮށް އެ ހަމަލާ ރާވާ ހިންގައި އަދި ފަންޑުކުރި މީހުން ހޯދުމަށް އެކަމަނާ މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ރައީސް ނަޝީދުގެ ވަކީލަށް މަޖިލީހުން އެއްވެސް ހަރަދެއް ކުރޭތޯ ސުވާލުކުރުމުން މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމާލާއާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ތަހުގީގާއި، ކޯޓު މަރުހަލާގެ ކަންތައްތައް ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން މީގެ ކުރިން މަންދޫބެއް ހަމަޖެއްސި އެވެ. އެއީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އެވެ.