ދިވެހިންގެ މިނިވަންކަން ގެއްލިފައިވާ ކަމަށާ މި މިންވަރަށް ދިވެހިން އަޅުވެތިވެފައިވާ ދުވަސްވަރެއް މި ފަހުން ފެނިފައި ނެތް ކަމަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ބާނީ މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ "ދިވެހިން އެދޭ މިނިވަން ކަމަކީ ކޮބާ؟" މި ނަމުގައި އެ ޕާޓީން ކްލަބް ހައުސްގައި ރޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ގައެވެ. ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް އެ ޕްރޮގްރާމްގައި ވިދާޅުވީ ކޮންމެ ދިމާއަކުން ވެސް ފެންނަނީ ދިވެހިންގެ މިނިވަންކަން ގެއްލި ނުވަތަ މިނިވަން ކަމަށް އެތައް ގޮތަކުން ގޮންޖެހުންތައް ކުރިމަތިވެފައިވާ މަންޒަރު ކަމަށެވެ.
އެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވި ގޮތުގައި ދިވެހިންގެ އިގްތިސޯދީ މިނިވަން ކަމެއް ނެތެވެ. ޗައިނާގެ ނަން ބޭނުން ނުކުރައްވާ ނާޒިމް ވިދާޅުވީ އެއް ގައުމަކުން ވަރަށް ބޮޑު އަދަދަކުން ލޯނު ނެގުމުގެ ސަބަބުން ދިވެހިން ވަނީ ވަރަށް ބޮޑަށް އެ ގައުމަށް ދަރަނިވެރިވެފަ އެވެ. އަދި ބައެއް އެހެން ގައުމުތަކާއެކު ސިއްރު އެއްބަސްވުންތައް އެކުލަވާލާފައިވާ ކަމަށާއި ދިވެހިންނަށް "ގުޑާނުލެވޭ ވަރުގެ ނުރައްކާތެރި އެގްރީމަންޓްތައް" ކޮށްފައިވާ ކަމަށެވެ.
"އިގްތިސާދީ ގޮތުން އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު އަޅުވެތި ކަމެއްގެ ތެރޭގައި. މިކަމުން އަރައިގަނެވޭނީ ވަރަށް ރަނގަޅު ޕްލޭނެއް އޮވެގެން،"
ނާޒިމް ވިދާޅުވީ ދިވެހިންގެ ކެއިން ބުއިމަށް ކާޑު ހޯދުމަށް ވަކި ގައުމަކަށް ބަރޯސާވެ އެ ގައުމެއްގައި ސަލާން ޖަހަން ޖެހުމަކީ ދިވެހިންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެކަން ކަމަށް ވިސްނާލުމުން ދިވެހިން އެންމެ ބޮޑު އަޅުވެތި ކަމެއްގައި ތިބީ މިހާރު ކަމަށް ވިދާޅުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭގެ ޕްރޮގްރާމްވެސް ނާޒިމް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކަށް ނިސްބަތްވާ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށާއި އަދި އެކަން އެމަގުން ނުހިނގާކަން އޭނާގެ ޕާޓީން ކަށަވަރު ވެސް ކުރާނެ އެވެ. ޕާޓީ އުފެދި މަޖިލީހުގައި ތަމްސީލުވާން ފެށުމުން 241 ކޮމެޓީ މެދުވެރިކޮށް އެ ޕާޓީން އިސްވެ އެ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ބައްލަވާނެ ކަމަށާ އެ އެއްބަސްވުންތަކުގައި ދިވެހިންނަށް ނުރައްކާތެރި އެއްބަސްވުންތަކެއް ހިމެނޭނަމަ އެކަމާއި ދެކޮޅަށް ތެދުވެ މަސައްކަތް ވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ. އޭނާގެ ޕާޓީގެ ވެރިކަމެއްގައި އެފަދަ ހުރިހާ އެއްބަސްވުމެއް އުވާލައްވާނެ ކަމަށް ވެސް ރޭ ވިދާޅުވިއެވެ.
މިނިވަން ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް އިތުރަށް ވިދާޅުވީ ދިވެހިންނަށް އިޖްތިމާއީ ރައްކާތެރިކަން ގެއްލިފައިވާ ކަމަށާ މުއާސަލާތު ކުރުމުގެ ހަގީގީ މިނިވަން ކަމެއް ނެތް ކަމަށެވެ. ކޮންމެ ދިވެއްސެއްގެ އަތުގައި އަގު ބޮޑު ޒަމާނީ ފޯނެއް އޮތް ނަމަވެސް ޒާތީ މައުލޫމާތު އެހެން މީހުންނަށް ބެލޭ ގޮތަށް އޮތް އޮތުމަކީ މިނިވަން ކަން ނެތުން ކަމަށެވެ.
އަދި ވިދާޅުވީ ދިވެހިންނަށް ސިކުނޑީގެ މިނިވަންކަން ހޯދައިދޭ ކޮންމެ މީހަކަށް ވެސް ހައްގަކީ ކޮބައިކަން ވިސްނުމުގެ ބާރު ސިޔާސީ ގޮތުން ހޯދައިދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ލީޑަރަކު ބުނާ ބަހަކަށް އެބަ ހެއްލޭ. އަޅުގަނޑުމެން އެބަޖެހޭ ދިވެހި ރައްޔިތުން ހޭލުންތެރިވާން. މިއަށްވުރެ ބޮޑަށް ސިކުނޑިތައް ޖެހޭ ހުޅުވާލަން،"
މީގެ އިތުރުން ވިޔަފާރީގެ މިނިވަން ކަމާއި ސިއްހީ ރައްކާތެރިކަން ކަށަވަރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި 150 ރިސޯޓް އޮޕަރޭޓް ކުރަމުން ދިޔަ ނަމަވެސް އޭގެ މަންފާގެ ބޮޑު ބައެއް ރާއްޖެއިން ބޭރުވާ ކަމީ ފެންނަން އޮތް ހަގީގަތް ކަމަށާއި ގިނަ ވިޔަފާރިތައް ބިދޭސީންގެ ކޮންޓްރޯލްގައިވާއިރު އެ ވިޔަފާރިތަކުން ދިވެހިންނަށް ލިބޭ ފައިދާއެއް ނެތް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.