އެމްއެންޑީއެފް

ރަސްފަރި ފަރަށް ކާގޯ ބޯޓެއް އަރައިފި

Aug 19, 2021
3

ކ. ރަސްފަރި ފަރަށް ކާގޯ ބޯޓެއް މިއަދު އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:48 ހާއިރު އެވެ.

ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބޯޓާ ގުޅުންހުރި މައުލޫމާތުތައް ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.

ފަރަށް އަރާފައިވަނީ ކާގޯ ބޯޓެއް ނަމަވެސް ބޯޓުގައި މާގިނަ މުދަލެއް ހުރި ކަމަކަށް ނުބެލެވެ އެވެ.

ފަރަށް އެރި ބޯޓުގެ ދިވެހި އެޖެންޓުގެ މައުލޫމާތު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އަވަސް އިން ހޯދި މައުލޫމާތުން އެނގޭގޮތުގައި މިބޯޓަކީ ގްރީސްގައި ހެޑްކުއާޓާޒް ހުންނަ ނަވިއޯސް މެރިޓައިމް ހޯލްޑިންގްސްގެ ބޯޓެކެވެ.

ކާގޯ ބޯޓުތަކުގެ ދަތުރުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެނގޭ ތަޖުރިބާކާރަކު ވިދާޅުވީ ބޯޓު ރަސްފަރި ފަރަށް އަރާފައިވަނީ ދުއްވަމުން ދަނިކޮށް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ބޯޓު ދަތުރުކުރަމުން ދިޔައީ އެފްރިކާ އަށް ކަމަށް ބެލެވޭ ކަމަަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ބޮޑަށް ބެލެވެނީ ބޯޓުގެ އިންޖީން ފެއިލްވެ އޮޔާގޮސް ފަރަށް އެރީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރަސްފަރި ފަރަށް ކާގޯ ބޯޓެއް އެރި މައްސަލާގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރާއްޖޭގައި މީގެކުރިން ވެސް ކާގޯ ބޯޓުތައް ފަރަށް އަރައި ބޮޑެތި ގެއްލުންތައް ފަރުތަކަށް ލިބުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.