މޯލްޑިވްސް ޕޮލިސް ސާވިސް

މަހުލޫފްގެ މައްސަލާގައި އިތުރު އައު ހެއްކެއް ނުހޯދަން: ފުލުހުން

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އިތުރު އައު ހެއްކެއް ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ މަހުލޫފުގެ މައްސަލާގަައި ފުލުހުންނާ ގުޅިގެން މައްސަލައަށް ކޮންމެހެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހޯދަމުންދާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެން އަވަސްއިން މިރޭ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އިތުރު އައު ހެއްކެއް ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް ޕީޖީގެ އެދުމުގެ މަތިން ތަހުގީގުގައި ކުރީންވެސް ހޯދާފައިހުރި ބައެއް ހެކިތަކާއި ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން ޕީޖީން އެދިފައިވާތީ އެކަން ކޮށްދެމުންދާ ކަމަށެެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޝަމީމް މިއަދު ވިދާޅުވީ މިނިސްޓަރު މަހުލޫފުގެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ލަސްތަކެއް ވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މައްސަލައެއްގައި ގޮތް ނިންމާނީ އެންމެ އިންސާފުވެރި ގޮތަށް ކަމަށާއި ހޯދަން ޖެހޭ އެއްވެސް ކަމެއް ނުހޯދައި ގޮތެއް ނުނިންމަވާނެ ކަމަށެވެ.

ޕީޖީ މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތުކޮށް މިނިސްޓަރަށް ދައުވާކޮށްދިނުމަށް އޭސީސީން މައްސަލަ ފޮނުވި ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މައްސަލާގައި ޕީޖީ ވަކި ގޮތެއް ނުނިންމަވާތީ އެ އޮފީހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ޝަމީމް ވިދާޅުވީ އެމަނިކުފާނަކީ މި ދާއިރާގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ދުވަހަކުވެސް އެއްވެސް މީހެއްގެ ނުފޫޒު، މަސައްކަތަށް ވަދެފައި ނުވާނެ ކަމަށެވެ. ގައުމުގެ ހަތަރު ރައީސަކާ އެކު ގާނޫނީ މަސައްކަތް ކުރެއްވި ކަމަށާއި އެބޭފުޅުން ވެސް އެމަނިކުފާނަށް އަދި ޕީޖީ އޮފީހަށް ވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.

އެވްރެޖްކޮށް ހަ ދުވަސް ތެރޭގައި މައްސަލަތަކުގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމަން އޮތް ނަމަވެސް އޭގެ މާނައަކީ ހަ ދުވަސް ތެރޭގައި އިންސާފު ގެއްލޭފަދަ ގޮތަކަށް ކަންކަން ނިންމުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހޯދަން ޖެހޭ ހެއްކެއް ހޯދަން ހަ ދުވަހެއް ނޫން ހަތްދިހަ ދުވަހެއް ނޫން 100 ދުވަސް ނެގިޔަސް ދައުވާ ކުރާނީ އެ ހޯދަން ޖެހޭ ހެއްކެއް ހޯދާފައި. އިތުރު ހެއްކެއް ލިބުމުގެ ފުރުސަތު އޮތީވިއްޔާ އެ ހެއްކެއް ހޯދާފަ އަޅުގަނޑުމެން ކޯޓަށް ހުށަހަޅާނީ މުއްދަތު ނުހިނގާ މައްސަލައެއް ވިއްޔާ. ހައްޔަރުކޮށްފައި ދޫކޮށްލައިފިއްޔާ އެ މުއްދަތު އެބަ ހިނގާ. މުއްދަތު ހިނގާ މައްސަލައެއް ވެއްޖިއްޔާ ގާނޫނުން އެބަ ހުރަސް އަޅާ އެ މައްސަލައެއްގަ ދައުވާ ނުކުރެވެއްޖިއްޔާ ނުކުރެވުނީ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން މަހުލޫފް މިރޭ ވިދާޅުވީ ދައުވާ ކުރާނެ ހެއްކެއް ނެތް ކަމަށް ތަކުރާރުކޮށް ބުނާ ވާހަކައިގެ ހަގީގަތް މިއަދު އިތުރަށް ޔަގީން ވެފައިވާ ކަމަށެވެ.

"ދެ އަހަރު ވަންދެން ކޮމިޝަން އާއި ޕޮލިސް އަދި އޭސީސީ އިން ހޯދި އެއްޗެއް ހޯދާފައި ދައުވާ ކުރަންފޮނުވާފައި އަދިވެސް ހަމަ ހެކި ހޯދަނީތޯ؟ މިވަރު ވާހަކައެއް ޝަމީމް ވިދާޅުވެދާނެކަމާމެދު ޝައްކު،" ޝަމީމް މިއަދު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ މަހުލޫފް ވިދާޅުވިއެވެ.