ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ހަތިޔާރު ގެންގުޅެގެން ކޮށްފައިވާ ދައުވާތައް ގާނޫނުގައިވާ މުއްދަތަށް ނިންމައިދޭން އެދިއްޖެ

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތައް ގާނޫނުގައި ބުނާ ގޮތަށް 30 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ސިޓީ ފޮނުވަން ފަށައިފި އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަކީ މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި މީސްމީހުންނަށް ބިރުދައްކައި އިންޒާރު ދިނުން ފަދަ ކަންކަން ކުރުން މަނާކުރުމުގެ ގާނޫނެވެ.

މިބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި، އެމައްސަލަތައް ތަހުގީގުކޮށް ދައުވާކޮށް، ޝަރީއަތް ކުރުމުގައި ހުންނާނެ ގޮންޖެހުންތަކަށާއި މިމައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިއާޔަތްކޮށް މި ގާނޫނު ފާސްކުރިއިރު ރައްޔިތުންގެ މަޖިލީހުން ތަފާތު އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.

އޭގެ ތެރޭގައި މިބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ހައްގު ހަނިކޮށްފައިވެ އެވެ. އަދި ތަހުގީގު މަރުޙަލާގައި ބަންދުގައި ބަހައްޓައި ގާނޫނީ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައި ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

މި ގާނޫނުގެ 17 ވަނަ މާއްދާ -- ދައުވާކުރުމާއި މައްސަލަ ނިންމުމުގެ މުއްދަތުގައި މިބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިނަމަ 15 ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހަޅަން ފުލުހުންނަށް ލާޒިމުވެއެވެ.

އެމުއްދަތު މާކުރުކަމަށް ފުލުހުންނަށް ފެނިއްޖެނަމަ ތަހުގީގު ކުރުމުގެ މުއްދަތު އިތުރުކުރުމަށް ސަބަބާއެކު ހުށަހަޅަންޖެހެނީ ޕްރޮސިކިއުޓާ ޖެނެރަލަށެވެ.

މައްސަލައެއް ތަހުގީގު ނިމިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެމައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަންވެސް ގާނޫނު ލާޒިމުކުރެ އެވެ.

ޕީޖީ އޮފީހުން ބުނީ ކޮންމެ މައްސަލައެއްގައިވެސް އެމުއްދަތުގެ ތެރޭގައި ގޮތް ނިންމަމުންދާ ކަމަށާއި އެއްވެސް މައްސަލައެއް މުއްދަތުން ފަހަނަ އަޅައި ގޮސްފައިނުވާނެ ކަމަށެވެ.

މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި، މި ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެ ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ މި އަހަރުން ފެށިގެން އެ އޮފީހުން ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރާ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއްގައި ހުކުމެއް ކުރަން ގާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފައިވާ ކަމަށެވެ.

މައްސަލަ ލަސްވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުއާމަލާތުތައް ފެންނަން ހުންނާނެ ކަމަށާއި މީގެ ބޭނުމަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.