ހަބަރު

ޖިނާއީ ބޮޑެތި މައްސަލަތަކަށް 24 ގަޑިއިރު ތެރޭގައި ޕްރޮސެކިޔުޓަރުން އައްޔަނުކުރާ އުސޫލެއް

Nov 5, 2020

ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމައުގެ އާއްމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތައް ފުލުހުންގެ ފަރާތުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ހިއްސާކުރާތީ 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލަތަކަށް ޕްރޮސެކިޔުޓަރުން އައްޔަނުކުރާ ގޮތަށް ހާއްސަ އުސޫލެއް އެ އޮފީހުން އާއްމުކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މުވާސަލާތު ކުރުމުގައި އަމަލުކުރާނެ އުސޫލު" އެއް އެކުލަވާލައި، މިދިއަ ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

މި އުސޫލުގެ ދަށުން ޕީޖީ އޮފީހާއި ފުލުހުންނާ ދެމެދު ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، ރިއަލް ޓައިމްކޮށް، މައުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައިކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިނިޒާމުގެ ތެރެއިން، ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމައުގެ އާއްމު މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި، މީހަކު ހައްޔަރުކުރުމާއެކު، އެމައުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު، ޕީޖީ އޮފީހަށް އެމައުލޫމާތު ލިބޭނެކަމަށް ބުނެފައިވެ އެވެ.

އަދި އެކަމާ ގުޅިގެން ޕީޖީން އަޅަންޖެހޭ ފިޔަވަޅުތަކާއި، އޭގެ ފަހުން، ދެ މުއައްސަސާގެ މެދުގައި މުއާމަލާތު ކުރެވެމުންދާނެގޮތުގެ އިޖުރާއަތްތައް މި އުސޫލުގައި ވަނީ ހިމަނައިފަ އެވެ.

"މި އުސޫލަށް ޢަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ މައުލޫމާތު މި އޮފީހާ ހިއްސާކުރާތާ 24 ގަޑިއިރު ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރެއް ނުވަތަ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކުރެވޭނެ،" ޕީޖީ އޮފީހުން ބުންޏެވެ.

އެއާއެކު މައްސަލައިގެ ތަހުގީގު ޓީމާއި ޕްރޮސިކިއުޓަރުންނާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި، މައްސަލައިގެ ތަހުގީގަށް ޕްރޮސިކިއުޓަރުން ދޭ ލަފާ ލިޔުމުން ފެންނާން އޮންނާނެ އިންތިޒާމު ހަމަޖެހިގެންދާކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ ހަރުދަނާވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އެއްގޮތަކަށް ކުރެވިގެންދާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިއީ ައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާދިން ގޮތަށް އެކުލަވާލެވުނު ނިޒާމެކެވެ.