ހުސައިން ޝަމީމް

ޝަމީމްއަށް ހަމަލާދިން ހަތް މީހަކަށް ދައުވާކުރަން އެދިއްޖެ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަށް ހަމަލާދިން މައްސަލައިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމާ ދައުވާކުރުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ދައުވާކުރަން ފޮނުވީ ކޮން ބަޔަކަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މީހުން ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުނެ އެވެ.

ޝަމީމަށް ބަޔަކު ހަމަލާ ދިނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ފަތިހު އެވެ.

މި ހަމަލާ ދިނީ އޭނާ ކަސްރަތަށް ނިކުން ވަގުތު މަރުތޭލަކުންނެވެ. މި ހާދިސާގައި އޭނާގެ އަތުގެ ކަށިގަނޑުގައި ވަނީ ރެނދުލާފަ އެވެ.