ހަބަރު

އިންޑިއާ މީހާ ޑިޕޯޓުކޮށްލާ ނިންމުން ދިފާއުކޮށްފި

މި މަހުގެ މެދު ތެރޭގައި މާލޭ ސިޓީގެ ހުޅުމާލޭގެ މިސްކިތަކަށް އަރައި އެ މިސްކިތުގައި އިން ދޮށީ އުމުރުގެ ދިވެއްސަކު މިސްކިތުން ނެރެން މަސައްކަތްކޮށް ގަޔަށް އަތްލައި މާރާމާރީ ހިންގި އިންޑިއާ މީހާއަށް ދައުވާނުކޮށް، ޑިޕޯޓް ކޮށްލަން ނިންމި ނިންމުމަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ނިންމި ނިންމުން ދިފާއުކޮށްފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ހުޅުމާލޭގެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތަށް ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިއަ ހަފުތާގައި ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ނަމަވެސް އެ މީހާ ޑީޕޯޓްކޮށްލަން ޕީޖީ ނިންމެވުމުން މިހާރު އިމްގްރޭޝަނާ އެމީހާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ އެ މީހާ ހުޅުމާލޭގެ އަޒީޒާ މިސްކިތަށް އަރައި މާރާމާރީ ހިންގީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ މިސްކިތަށް އަރައި ދިވެހި މީހާއަށް ހަމަލާ ދިނީ ގައިން ނުބައި ވަހެއް ދުވާ ކަމަށް ބުނެ އެވެ.

އޭރު ވެސް އެ މީހާ ހައްޔަރު ކުރި ކަމަށް ނުބުނެ ފުލުހުން ބުނީ "އިންޑިއާ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި" ކަމަށެވެ. އޭގެ ފަހުން އޭނާ މައްސަލާގައި އަޕްޑޭޓެއް އާއިރު ޕީޖީ ނިންމެވީ އެ މީހާ ޑީޕޯޓް ކޮށްލާށެވެ. ނަމަވެސް މި ނިންމުން އައިރުވެސް އެއީ ކޮން ބޭނުމަކު މިސްކިތަށް އެެރި މީހެއްކަން ސާފު ކޮށްދީފައެއް ނުވެ އެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މާރާމާރީ ހިންގި އިންޑިއާގެ އެ މީހާއަކީ މަސްތުވެގެން ގޮސް މިސްކިތަށް އެރި މީހެކެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިޔުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެ މީހާ ޑިޕޯޓު ކޮށްލަން ނިންމާފައި ވަނީ މައްސަލައިގެ ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތު ކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާއަތް ކުރިއިރު މި ޖިނާއީ ދައުވާއެއް ކުރުމަށްވުރެ މަސްލަހަތު ބޮޑު ކަމަށް ފެންނާތީ ކަމަށެވެ.

"މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ މި އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ. އަދި މައްސަލަ މި އޮފީހަށް ހުށަހެޅިއިރު ތަހުގީގުކުރި ފަރާތުގެ އޮޕީނިއަން އަކަށްވެސްވީ ޑީޕޯޓް ކޮށްލުމުގެ މަސްލަހަތު ބޮޑުކަމަށް،" ޝަފީއު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާއަތްކޮށް ކުރިންވެސް އަމަލުކުރާ ގޮތެއް ކަމަށެވެ.

ރާއްޖެއާއި އިންޑިއާއާދެމެދު މިހާރު ވަރަށް ގާތް ގުޅުމެއް އޮންނައިރު، މި މައްސަލާގައި ދައުވާ ނުކުރަނީ އިންޑިއާ މީހަކަށްވާތީ ކަމަށް އަމާޒުވެފައިވާ ތުހުމަތުތަކަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކި ގައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި އުޅޭ އިންޑިއާގެ ބައެއް މީހުންގެ ފަރާތުން ތަފާތު ގިނަ ހާދިސާތައް ފެންމަތިވަމުން ދެއެވެ. އޭގެ ތެރޭގައި މީހުންގެ ރޭޕްކޮށް އިއްފަތް ފޭރުމާއި އިސްމާމް ދީނަށް ފުރައްސާރަ ކުރުމާއި ރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަން ހިމެނެ އެވެ. އިންޑިއާގެ މީހުންނާ ގުޅޭ މައްސަލަތަކާއި ދީނަށް ފުރައްސާރަ ކުރުމާބެހޭ މައްސަލަތަކުގައި ޖަވާބު ދިނުން ދިވެހި ފުލުހުން ލަސް ކުރާއިރު ގިނަ މައްސަަލަތަކުގެ ހަގީގަތް ސާފުވުމުގެ ކުރީން އެ މީހާ ރާއްޖެއިން ފޮނުވާލަ އެވެ.