ބޮލީވުޑް

އަފްޣާން ބަތަލާއަކަށް ވާތީ ވަރީނާއާ ދިމާކޮށްފި

ބޮލީވުޑް ބަތަލާ ވަރީނާ ހުސެއިން އާ ސޯޝަލް މީޑިއާގައި ބަޔަކު ދިމާ ކޮށްފި އެވެ. ވަރީނާ އެންމެ ފުރަތަމަ މަޝްހޫރު ވެގެން ދިޔައީ ކެޑްބަރީ ޗޮކްލެޓް އިޝްތިހާރެއްގައި ފެންނަ ރީތި، މައުސޫމް ކުއްޖެއްގެ ގޮތުގަ އެވެ. ފަހުން އޭނާ ބޮލީވުޑަށް ތައާރަފް ކޮށްދިނީ ސަލްމާން ޚާނެވެ. އެއީ 2018 ގައި ސަލްމާން ޕްރޮޑީއުސްކުރި "ލަވްޔާތުރީ" އިންނެވެ. މިއީ ސަލްމާނުގެ ޅިޔަނު އަޔޫޝް ޝަރުމާ ފިލްމީ ދުނިޔެއަށް ތައާރަފް ކުރަން އޭނާ އުފެއްދި ފިލްމެކެވެ.

އޮންލައިން ޓްރޯލްގެ އަމާޒަކަށް ވަރީނާ ވީ އޭނާގެ ބައްޕައަކީ އިރާގު މީހަކަށް ވެފައި މަންމައަކީ އަފްޣާނިސްތާނު މީހަކަށް ވާތީ އެވެ.

އަފްޣާން މަންމައެއްގެ ދަރިއަކަށް ވާތީ ފިލްމު ކުޅެން ފެށުމުން ވެސް ވަރީނާއަށް ހީނުކުރާ ވަރުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އޭނާއަކީ އަފްޣާން ބަތަލާއަކަށް ވާތީ ފިލްމު އުފައްދާ މީހުން އޭނާ ލައްވާ ފިލްމު ކުޅުވަން ޖެހިލުން ވާތީ އެވެ.

"ލަވްޔާތުރީ" ބެލި މީހުން ވަރީނާގެ ރީތި ކަމަށް ތައުރީފު ކުރިޔަސް އެ ފިލްމު ކުޅެގެން އޭނާއަކަށް މާ ރަނގަޅު ކާމިޔާބެއް ހޯދިފައެއް ނެތެވެ.

މިހާރު އަފްޣާނިސްތާނަށް ކުރިމަތިވެގެން އުޅޭ ހާލަތާ ގުޅުވައިގެން ވެސް ވަރީނާ އަށް މަލާމާތްކޮށް ދިމާކުރާ މީހުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ އެވެ.

ފުރަތަމަ ފިލްމުގެ މަސައްކަތް ފެށުމާއެކު ގިނަ ބަޔެއްގެ ރާޑަރަށް އޭނާ އަރައި އޭރުއްސުރެ މީހުން އޭނާއަށް މަލާމާތް ކުރާ ކަމަށް ވަރީނާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ވެސް ބުނެފައި ވެއެވެ.

"ލަވްޔާތުރީ" ރިލީޒް ކުރުމާ ދިމާކޮށް ވަރީނާ ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ކެރިއަރެއް ބިނާ ކުރަން އޭނާ ކުރާ މަސައްކަތަށް މީހުން ވަރަށް މަލާމާތް ކުރެ އެވެ. އަދި އޭނާއަކީ "ޓެރަރިސްޓް ގައުމެއް" ގެ މީހެއް ކަމަށް މީހުން އޭނާ އާ ދިމާލަށް ބުނާ ކަމަށް ވެސް ވަރީނާ ބުނެފައި ވެއެވެ. އަދި މީހުން ދައްކާ މިކަހަލަ ވާޙަކަތަކުން ވަރަށް ދެރަވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބަތަލާއަކަށް ވުމުގެ ކުރިން ވަރީނާ ވަނީ ނިއުޔޯކް ފިލްމް އެކަޑަމީގައި އެކްޓިން އާ ގުޅޭ ކަންކަން ކިޔަވާފަ އެވެ. ފިލްމު އެކަޑަމީގައި ކިޔެވުމުގެ އިތުރުން އެމެރިކާގައި މޮޑެލް އެއްގެ ގޮތުގައި ވެސް އަދި ބައެއް އިޝްތިހާރުތަކުގައި ވެސް ވަރީނާ މަސައްކަތް ކުރި އެވެ.

"ލަވްޔާތުރީ" އަށް ވަރީނާ ހޮވުނީ ވަރަށް ގިނަ ބަތަލާއިންގެ އޮޑިޝަން ހަދައިގެން ސަލްމާނަށް އެންމެ ކަމުދިޔައީ އޭނާ ކަމަށް ވެގެންނެވެ.

ސަލްމާންގެ "ދަބަންގް 3"ގެ "މުންނާ ބަދުނާމް ހުވާ" ގައި ވަރީނާގެ ޚާއްސަ ނެށުމެއް ފެނިގެން ދެއެވެ. މިހާރު އޭނާ ކުޅެމުން ދަނީ އެންމެ ފިލްމެކެވެ. "ދި އިންކޮމްޕްލީޓް މޭން" އެވެ. މީގެ އިތުރުން ސައުތު އިންޑިއާގެ ބައެއް ފިލްމުތައް ކުޅުމުގެ ފުރުސަތު ވަރީނާއަށް ވަނީ ލިބިފަ އެވެ.