ބޮލީވުޑް

އެއާޕޯޓުން ސަލްމާން ހިފެހެއްޓި އޮފިސަރަށް ތައުރީފު

ބޮލިވުޑް ސުޕަސްޓާ ސަލްމާން ޚާން މީގެ ދެ ދުވަހެއް ކުރިން ވަނީ ރަޝިޔާއަށް ފުރާފަ އެވެ. ކެޓުރީނާ ކައިފް އާއެކު ސަލްމާން ފުރީ "ޓައިގާ 3" ގެ ޝޫޓިންގް އަށެވެ.

ރަޝިޔާއަށް ފުރަން ސަލްމާން އެއާޕޯޓަށް ވަންނަން ދާ މަންޒަރު ފެންނަ ވީޑީއޯއެއް ދާދިފަހުން ވައިރަލް ވެފައި ވެއެވެ. މި ވީޑިއޯ އިން ފެންނަނީ ސަލްމާން އެއާޕޯޓަށް ވަންނަން ދަނިކޮށް އެތާ ހުރި ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އޮފިސަރު އޭނާ ހުއްޓުވައި ޑޮކިއުމެންޓްތައް ޗެކް ކުރާ މަންޒަރެވެ.

މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ވަނީ މި އޮފިސަރަށް ސޯޝަލް މިޑިއާގައި ވަރަށް ތައުރީފުކޮށްފި އެވެ. އެމީހުން ބުނަނީ ކިތަންމެ މަޝްހޫރު މީހަކަށް ވިޔަސް އޮފިސަރު އެއްވެސް ޖެހިލުމެއް ނެތި އޭނާގެ ވަޒީފާ ފުރިހަމައަށް އަދާ ކުރި ކަމަށެވެ. އަދި މިއީ ވަރަށް ކެރޭ ހިތްވަރުގަދަ މީހަކު ނޫނީ ކުރާނެ ކަމެއް ނޫން ކަމަށެވެ.

މިފަހަރުގެ ދަތުރުގައި 45 ދުވަހު ސަލްމާނާއި ކެޓުރީނާ ރަޝިޔާގައި ޝޫޓް ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި އިތުރު ދެ ތިން ގައުމެއްގައި ވެސް "ޓައިގާ 3"ގެ ޝޫޓިން އޮންނާނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.