ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވެކްސިން ކާޑު ބަލައިނުގަންނަ ކަމުގެ މައްސަލައެއް ލިބިފައެއް ނުވޭ: އެޗްޕީއޭ

ރާއްޖޭގެ ކޮވިޑް ވެކްސިން ކާޑު އެހެން ގައުމަކުން ބަލައި ނުގަންނަ މައްސަލައެއް އަދި ލިބިފައިނުވާ ކަމަށް ހެލްތް ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ވެކްސިން ޖެހުމުން އެޗްޕީއޭއިން ދޫކުރި ކާޑު ބޭރުގެ ބައެއް ގައުމުތަކުން ބަލައި ނުގަންނަ ކަމަށް ބައެއް އާންމުން ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. އެގޮތުން ޓްވިޓާގައި މީހަކު ބުނެފައިވާ ގޮތުގައި ޔޫއޭއިން އޭނާގެ ވެކްސިން ކާޑު ބަލައި ނުގަތެވެ. ސަބަބަކަށްވީ ގައުމީ ނިޝާނެއް އޭގައި ނެތުމުންނެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއާއި އެޗްޕީއޭއަށް ސުވާލު ކުރުމުން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ސޭފްގެ ނަމުގައި ވެކްސިން ޕާސްޕޯޓެއް ތައާރަފްކޮށްފަ އެވެ. މި ޑިޖިޓަލް ވެކްސިން ޕާސްޕޯޓާއެކު އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުނެ އެވެ. އަދި އެއީ ހެލްތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އިމް ރަސްމީ ގޮތެއްގައި ވެކްސިން ޕާސްޕޯޓަށް އަމަލުކުރުމުގެ އުސޫލެއް އަދި އެކުލަވާލާފައެއް ނުވެ އެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 298،328 އަށް ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 364،064 މީހަކަށް ދީފައިވެެ އެވެ.

ސަރުކާރުން ވަނީ އާބާދީގެ 90 އިންސައްތަ އަށް ވެކްސިން ޖެހުމަށް އަމާޒުކޮށް ބޮޑު ކެމްޕޭނެއް ފަށާފަ އެވެ.