ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

"ޔޫކޭ ރެޑް ލިސްޓްގައި ރާއްޖެ އޮތީ ޓެސްޓެއް ނަހަދައިގެން"

އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ އޮތީ ހަދަން ޖެހޭ ޓެސްޓެއް ނުހަދާ އޮތުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖެ އޮތް ސަބަބު ސާފު ކުރަން އަވަސް އިން ސުވާލު ކުރުމުން އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ރާއްޖެ އެ ލިސްޓްގައި ޖިނޯމިކް ސީކުއެންސިން ޓެސްޓް ނަހަދައިގެން ކަމަށެވެ. ޖިނޯމިކް ސީކުއެންސިން ޓެސްޓަކީ އެ ގައުމެއްގައި ފެތުރެނީ ބަލީގެ ކޮން ވޭރިއެންޓެއްކަން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. މި ޓެސްޓް ހަދަން އިނގިރޭސި ވިލާތުން އެދެނީ އެ ގައުމުން އެކުލަވައިލާ ރެޑް ލިސްޓުން ގައުމެއް އުނި ކުރަން ބޭނުންވާ ނަތީޖާ ހޯދާށެވެ. މި ޓެސްޓްގައި ފަސް ޕަސެންޓް ޕޮޒިޓިވިޓީ ބޭނުންވާނެ އެވެ. ރާއްޖެއިން މިހާރު އަންނަނީ އެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖެ އޮތްއިރު އަބޫދާބީގެ ގްރީން ލިސްޓުން ވެސް ރާއްޖެ ވަނީ އުނިކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން ސުވާލު ކުރުމް ސަބަބެއް ނުބުނެ އެވެ. އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލިސްޓުން ރާއްޖެ އުނި ކުރީ ޔޫއޭއީގެ ގްރީން ލިސްޓުގައި ނުހިމެނޭ ގައުމުތަކުން ކަރަންޓީނު ވުމަށް ގިނަ ބަޔަކު ރާއްޖެ އަންނާތީ އެވެ.

އިނގިރޭސިވިލާތުގެ ގްރީން ލިސްޓު އެންމެ ފަހުން އަޕްޑޭޓް ކުރިއިރު ލިސްޓަށް އަލަށް އިތުރުވި އެންމެ ފާހަގަ ކޮށްލެވޭ ގައުމަކީ ކޮވިޑް-19 އިގެ ހާލަތު އެންމެ ގޯސްވި ގައުމު ތަކުގެ ތެރެގައި ހިމެނޭ އިންޑިއާ އެވެ. ނަމަވެސް މިހާރު އެ ގައުމުގެ ނަންބަރުތައް ވެސް އަންނަނީ ދަަށްވަމުންނެވެ.

މުޅި ދުނިޔެ ބަލިކޮށްލި ކޮވިޑުގެ އެންމެ ބާރުގަދަ ވޭރިއަންޓް ކަމަށްވާ "ޑެލްޓާ ވޭރިއަންޓް" ނިސްބަތްކުރި އިންޑިއާގެ އިތުރުން އަލަށް މި ލިސްޓަށް އިތުރުވީ ގައުމުތަކަކީ ބަހުރެއިނާއި ގަތަރު އަދި ޔޫއޭއީ އެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން މި ލިސްޓަށް ޖަރުމަނުވިލާތާއި އޮސްޓްރިއާ ވެސް އަރާފައިވެ އެވެ.