އައްޑޫ ސިޓީ

އައްޑޫގެ ގޯތިތަކުގެ މައްސަލާގައި ޕީޕީއެމް އޮތީ ރައްޔިތުންނާއެކު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތައް އެ ސަރަހައްދުން ނަގައި އެހެން ސަރަހައްދަކަށް ގޯތިތައް ބަދަލުކުރި މައްސަލާގައި އެ ރައްޔިތުންގެ ހައްގުތައް ހޯދާ ދިނުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ކޯލިޝަނުން އެ ރައްޔިތުންނަށް ދީފި އެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކުގެ ވެރިން މިއަދު ވަނީ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއި ބައްދަލުކޮށްފައެވެ. އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން މިހާރު އައްޑޫ ސިޓީއަށް ކުރަމުންދާ ދަތުރުގެ ތެރެއިން އޮތް މި ބައްދަލްވުމުގައި ބައިވެރިވި ގޯތިތަކުގެ ވެރިން ވަނީ އައްޑޫ ސިޓީގެ އެ ނިންމުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި އެކަމާއި ގުޅިގެން އައްޑޫ ސިޓީ ތަމްސީލު ކުރަމުންދާ މަޖިލީސް މެންބަރުންނަށް ގުޅާ ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެކަަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. މިއަދު އިދިކޮޅު ކޯލިޝަނާއި ބައްދަލުކުރި އާންމުން ވަނީ އެ މީހުންނަކީ އެމްޑީޕީގެ ދަފްތަރުގައި ތިބި އެ ޕާޓީގެ މެންބަރުން ނަމަވެސް ޕާޓީ އާއި އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ފަރާތުން އެހީތެރިކަން ނުލިބުނުކަން ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން އެއްބާރުލުމެއް ނުލިބުމުން މިއަދު ތިބޭފުޅުންގެ ގާތަށް އަންނަން މި ޖެހުނީ،" ބައްދަލްވުމުގައި ގޯތިތަކުގެ ވެރިން ބުނެފައިވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އައްޑޫ ސިޓީ އޭއީއެޗް ސަރަހައްދުން ރައްޔިތުންގެ ގޯތިތަކެއް އައްޑޫ ސިޓީ ކައުންސިލުން ނަގަމުންދާ މައްސަލާގައި އެ ސިޓީގެ ބައެއް ރައްޔިތުން މިއަދު ވަނީ އައްޑޫ ސިޓީގައި މިވަގުތު ތިބި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ކަމަށެވެ.

އަދި މި މައްސަލާގައި އެ ރައްޔިތުންގެ ހައްގުތައް ހޯދާ ދިނުމަށް ޕީޕީއެމް އާއި ޕީއެންސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށެވެ. އެގޮތުން މަޖިލީސްތެރެއިންނާއި އެ ނޫން ގޮތްގޮތުންވެސް އެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މިއަދުގެ ބައްދަަލްވުމުގައި ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު އާއި ޕީޕީއެމްގެ އިސް ތަރުޖަމާން އަދި ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު އާއި ކުރީގެ މެންބަރު މުހައްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.