ރައްޔިތުންގެ މަޖިލިސް

ހަލީމް ސިޔާސީ ވާހަކަ ދައްކަވާ މައްސަލައެއް ފެންމަތިވެއްޖެ

Aug 22, 2021
1

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ސޯޝަލް މީޑިއާގެ އާންމު ފޯރަމުތަކުގައި ސިޔާސީ ކަންކަމުގައި ފާޅުގައި ވާހަކަ ދައްކަވާ މައްސަލަ މަޖީލީހުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އަަވަސްއަށް މިއަދު ވިދާޅުވީ ކްލަބް ހައުސް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ހަލީމް ސިޔާސީ ވާހަކަ ދައްކަވާ ކަމަށް ބުނާ މައްސަލަތަކެއް މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެފަދަ މައްސަލައެއް މަޖިލީހުގެ އިދާރާ އިން ބަލަމުން ނުދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގަވައިދުތަކާއި އުސޫލުތަކުގައިވާ ގޮތުން މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ސިޔާސީ ވާހަކަ ދެއްކުން ހުއްދައެއް ނޫނެވެ.

ހަލީމާ ގުޅޭ އާ މައްސަލަތަކެއް މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވާއިރު މަޖިލީހުގެ އާންމު ކޮމިޓީން ހަލީމުގެ މަގާމުގެ މަސްއޫލިއްޔަތާ ގުޅޭ މައްސަލައެއް ބެލުމަށްފަހު އޭނާ މިހާރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ހަލީމުގެ މަގާމާ މެދު ގޮތެއް ނިންމަވާ ދެއްވުމަށް އާންމު ކޮމިޓީން ވަނީ މަޖިލީހުގެ ރިޔާސަތުގައި ދަންނަވާފަ އެވެ. އެކަމަކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހަލީމުގެ އެ މައްސަލައާއި މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމުގައި އަމީންއާންމު މިއަދު ވަނީ މައުލޫމާތު ދެއްވާފަ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ހަލީމް، ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

ހަލީމް އަވަސް އަށް ވިދާޅުވީ ސިޔާސީ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކައިފައި ނުވާނެ ކަމަށެވެ. ނަމަވެސް ކަމުގެ ހަގީގަތް އޮންނަ ގޮތް ކިޔައިދޭން ބޭނުންވާތީ އެފަދަ ވާހަކަ ދައްކަވާފައިވާނެ ކަމަށެެވެ.

ހަލީމު މިހާރު ސަސްޕެންޑް ކޮށްފައި ހުންނެވި މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީން ބެލިއިރު ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެހެންވެ ހަލީމް ސަސްޕެންޝަންގައި ހުންނެވި މައްސަލައާއި ގުޅޭ މައުލޫމާތު ވެސް އެނގިފައެއް ނުވެ އެވެ. މަޖިލީހުގެ އިދާރާ އިން ވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ހަލީމް ސަސްޕެންޑް ކުރި އިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅު "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ މަޖިލީހުގެ ކޮޓަރިކޮޅެއްގައި ދެކެވޭ ވާހަކަތަކެއް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ސަމާލު ކަމަށް ގެންގޮސްފައި ވާނެ ކަމަށެވެ.

މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވި ދުވަސްވަރު 2013 ވަނަ އަހަރު އެވެ. މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ހަލީމު އެންމެ ފުރަތަމަ އައްޔަން ކުރީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ އަކީ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިވާ ރިޓަޔާޑް އޮފިސަރެކެވެ.

މަޖިލީހުގެ ތަޅުމުގައި ގަވައިދާ ހިލާފަށް ކުރާ ކަންކަމާ ގުޅިގެން މެމްބަރުން ތަޅުމުން ނެރުން ފަދަ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވަނީ ސާޖަންޓް އެޓް އާމްސް އެވެ.