އައިޖީއެމްއެޗްގައި ކުރިން މަސައްކަތް ކުރެއްވި ޑރ. އާމިނަތު ރަމްޝާ ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރަމްޝާ މިއަދު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާތާ ދުވަސްތަކެއް ފަހުންނެވެ.
ޑރ. ރަމްޝާއަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ ކަރުންމަތީގެ ބަލިތަކަށް ހާއްސަވުމަށް ބެންކޮކްގައި ކިޔަވާ ވިދާޅުވާން ހުންނަވަނިކޮށެވެ. އެހެންވެ އޭނާ ބަލީގެ ފަރުވާގެ ބޮޑު ބައި ފުރިހަމަ ކުރެއްވެވީވެސް ބެންކޮކްގައެވެ.
ކުޅިވަރުގެ ދާއިރާގައި ވަކިން ހާއްސަކޮށް ދުވުމުގެ މުބާރާތްތަކުގައި ޑރ. ރަމްޝާ ކުރިން ވަނީ ރާއްޖެ ތަމްސީލް ކުރައްވާފަ އެވެ.
ރައީސް ޑރ. މުއިއްޒު މިރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިދުމަތްތެރި އަދި މަގުބޫލު ޑޮކްޓަރު، އާމިނަތު ރަމްޝާ އަވަހާރަވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ.
ރަމްޝާގެ ހިދުމަތްތަކާއި މަސައްކަތްތަކަށް ރައީސް ވަނީ ވަރަށް ބޮޑަށް ތައުރީފްވެސް ކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ގައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް އަދި އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ރެޔާ ދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމަށެވެ. އަދި ރަމްޝާ އަކީ ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރު ދެއްވުމުގައި އޯގާތެރި އެހީތެރިއެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
"މަރްހޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާއި ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިއުމަތް އެ މަރްޙޫމާއަށް މިންވަރު ކުރައްވާށި އެވެ. އާމީން،" ރައީސްގެ މެސެޖުގައިވެ އެވެ.
ޑރ. ރަމްޝާ ނިޔާވުމާ ކެންސަރު ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ ރަމްޝާއަކީ އެ ޖަމިއްޔާ އުފެއްދި ފަހުން ޖަމިއްޔާގެ މަސައްކަތްތަކުގައި އާންމުން ހޭލުންތެރިކުރުވުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅާ ކަމަށެވެ.