ޑރ. މުހައްމަދު މުއިއްޒު

ޒަކީގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ މުހައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

މުހައްމަޒު ޒަކީ އަވަހާރަވީ ރޭ އައިޖީއެމްއެޗްގަ އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުހައްމަދު ޒަކީ ދިވެހި ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާތީ އެކަމުގެ އަގު ދައުލަތުން ވަޒަން ކުރައްވާ އިނާމު ދެއްވާފައިވާކަން ފާހަގަކުރައްވާފަ އެވެ.

މުހައްމަދު ޒަކީ، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ މާޗް ތިނެއް، 1973 ގަ އެވެ.

އުމުރުން 65 އަހަރުވެގެން، އޮކްޓޫބަރު 28، 2020 ގައި ރިޓަޔާ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ މަގާމުގަ އެވެ.

މުޙައްމަދު ޒަކީ ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ސީއައި ޑިވިޒަންގެ ފޯމޭނެއްގެ ވަޒީފާ އެވެ.

އޭގެ ފަހުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނުކަމާއި އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޕިޔޯނުކަން ކުރެއްވި އެވެ. އަދި އެ އޮފީހުގެ ޕްރިންޓަރުކަމާއި، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރިންޓަރު ކަމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއާ ޕްރިންޓަރުކަންވެސް ކުރެއްވި އެވެ.

މީގެ އިތުރުން އެ މަރުކަޒުގެ ޗާޕާބެހޭ އެހީތެރިކަމާއި، ފޮތް ޗާޕުކުރާ ބައިގެ ސީނިއާ ޕްރިންޓަރު ކަމުގެ ވަޒީފާ އަދާކުރެއްވި އެވެ. އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓަރު ކަމާއި، ޕްރިންޓިން ސުޕަވައިޒަރުކަންވެސް މުހައްމަދު ޒަކީ ކުރެއްވި އެވެ.

މުޙައްމަދު ޒަކީ ވަޒީފާ އަދާކުރެއްވިއިރު އެ ޑިޕާޓްމަންޓުން ހިންގާ ބައިނަލްއަގުވާމީ އިމްތިހާނުތައް ކަމަށްވާ ޖީސީއީ އޯ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތާއި، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނާއި، ހަޔާ ސެކަންޑަރީ ސްކޫލްގެ ސެޓުފިކެޓު އިމްތިހާނުތަކުގެ ސުވާލު ޕޭޕަރުތައް ޗާޕުކޮށް ޕެކްކުރުމުގައި މަސައްކަތްތައް ކުރައްވާފައިވެ އެވެ. އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނާއި، ހަޔާ ސެކަންޑަރީ ސްކޫލްގެ ސެޓުފިކެޓު އިމްތިހާނުތަކުގެ ސުވާލު ކަރުދާސްތައް ޓައިޕް ކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވި އެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 2023 ވަނަ އަހަރު މުހައްމަދު ޒަކީއަށް ލިބިވަޑައިގެންނެވި އެވެ.