އޮބިޗުއަރީ

ލަތީފަކީ އެތައް ދާއިރާއަކުން ނަމޫނާއެއް: ރައީސް

ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށާއި ޖަމާއަތަށް ފައިދާހުރި އެތައް ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުއްލަތީފް ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ލަތީފް އަވަހާރަވީ ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ލަތީފަކީ ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި ޖަމާއަތަށް ފައިދާ ހުރި އެތައް ހިދުމަތަކާއި މިސްކިތް ބިނާކުރެއްވުމާއި ގިނަ އަދަދެއްގެ ދިވެހިން ހައްޖަށް ގެންގޮސްދިނުން ފަދަ އެތައް ކަމެއް ކޮށްދެއްވައި މުޖުތަމައުގެ އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ރައީސް ވިދާޅުވީ ލަތީފަކީ ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ އަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިގްތިސާދަށް ގެނަސްދެއްވުމުގައިވެސް މުހިއްމު ޙިއްސާދާރެއް ކަމަށެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށް ހޭދަކުރެއްވުމާއި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވުމާ އަދި ޖަމާއަތަށް ފައިދާހުރި ހާއްސަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ގައުމީ އިނާމު 1991 ވަނަ އަހަރު ލަތީފް ހާސިލްކުރައްވާފައިވާ ކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ލަތީފް ވަކިވެދިއުމާއެކު ގެއްލިގެން އެދިޔައީ ގައުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި އަގުހުރި، ތަޖުރިބާކާރު، ނަމޫނާ ޝަހްސިއްޔަތެއް ކަމަށެވެ.

އަތަމާ އަބްދުއްލަތީފް މިއަދު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ.