އޮބިޗުއަރީ

ހާފިޒުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ދިވެހި ދައުލަތަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ މ. ޒިޔާރަތްދޮށުގެ، އަހްމަދު ހާފިޒް އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.

އެކްސްގައި އާންމު ކުރެއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ހާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމް، ޕީއެންސީއަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭ ހިދުމަތްތަކެއް ހާފިޒު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކުރަން،" ރައީސް ވިދާޅުވި އެެވެ.

އަހްމަދު ހާފިޒު ދައުލަތަށް ހިދުމަތްކުރައްވަން ފެށްޓެވީ މެއި 30، 1981ގައި، ފިޝަރީޒް ޑިވިޒަންގެ އެސިސްޓެންޓް ސްޓެޓީޝަންގެ މަގާމުންނެވެ.

ޖުމްލަ 33 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާއިރު ހާފިޒު ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ މިނިސްޓާ އޮފް ސްޓޭޓްގެ މަގާމާއި އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މަތީފަންތީގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.

މީގެ އިތުރުން މަސްވެރިކަމަށް ހިދުމަތް ކުރުމުގެ ރޮނގުން 1991 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާފިޒަށް ލިބިވަޑައިގެންފައިވެ އެވެ.

ހާފިޒުގެ އުމުރުން 62 އަހަރުގައި މިއަދު އަވަހާރަވީ ކެންސަރު ބަލީގައި ނުވަ ވަރަކަށް އަހަރު ހޭދަކުރެއްވުމަށްފަހު އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.