ޖުމްހޫރީ ޕާޓީ

ޖޭޕީގެ ޑެޕިއުޓީ ލީޑަރު ފަޔާޒު އެ ޕާޓީން ވަކިވެއްޖެ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) އެ މަގާމުންނާއި އެ ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަންނަވާކަން ހާމަކުރައްވާ ފަޔާޒު މިއަދު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ސިޓީއަކުން އެކަން އަންގާފައެވެ.

ފަޔާޒު ވަނީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގެވެސް ފުރުއްވާފައެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ހޯމް މިނިސްޓްރީގައި ހުންނެވީ ރައީސް ވަހީދުގެ ވެރިކަމުގައެވެ.

ފަޔާޒު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ އޭނާގެ އެކުވެރިން ކަމަަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އިސްވެ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އެ ދެ ބޭފުޅުންނަކީވެސް ކުރީން ޖުމްހޫރީ ޕާޓީގެ މެންބަރުންނެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ފަޔާޒު ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށް އެނގިފައިވެއެވެ.