ރައީސް މައުމޫން އަބްދުލްގައްޔޫމް

ޕާާޓީ އާއި ސަރުކާރުން ކޮރަޕްޝަން ނައްތާލަން މައުމޫނު ގޮވާލައްވައިފި

Nov 24, 2015

ޕާޓީ އާއި ސަރުކާރުގެ ތެރެއިން ކަރަޕްޝަން ނައްތާލައި ހުރިހާ ކަމެއްގައި ގައުމު އިސް ކުރުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އާއި ތިނަދޫ ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ޕީޕީއެމަށް ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ މަގުސަދަކީ އެންމެ ފުރަތަމަ ގައުމު ކަމަށާއި އަމިއްލަ ޖީބަށް ވަންނަނީ ކިހާ ފައިސާއެއްތޯ ޕީީޕީއެމްގެ މެންބަރުން ނުބަލާނެ ކަމަށެވެ. އެ ޕާޓީގެ މެބަރުން ބަލާނީ ކުރާ މަސައްކަތުން ގައުމަށާއި ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއްތޯ ކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަން ފަހިވެގެން ދަނީ ކިހާ ވަރަކަށްތޯ އާއި ރައްޔިތުން ހިތްހަމަޖެހެނީ ކިހާ ވަރަކަށްތޯ ކަމަށެވެ.

"އެންމެ ފުރަތަމަ ގައުމު އެ ޝިއާރާ އެއްގޮތަށް ކުރިޔަށް އޮތްތާނގައި ވެސް ކުރިޔަށް ދިއުމަށް އަޅުގަނޑު އިލްތިމާސް ކުރަން. މުދަލަށް، އެހާ ބޮޑަށް ފައިސާއަށް ލޯބި ކުރުން، ކަރަޕްޝަންގެ ކަންކަން ވެއްޖެ އަޅުގަނޑުމެންގެ ތެރެއިން ނައްތާލަން. ޕާޓީގެ ތެރޭގައި ވެސް ޕާޓީން ބޭރުގައި ވެސް ސަރުކާރާއި ސަރުކާރު ނޫން ދާއިރާތަކުގައި ވެސް އެއީއަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕީޕީއެމް ފެށިގެން އައީ ވެސް ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއްެ ގޮތުގައި ކަމަށާއި މުޒާހަރާ ތަކާއި ރެލީ ތަކުގައި ޖަލްސާތަކުގައި ގަދައަށް އެވާހަކަ ދެއްކުމުން އެކަން ގަބޫލު ކޮށްގެން ރައްޔިތުން ރިޔަސީ އިންތިހާބު ޕީީޕީއެމަށް ކާމިޔަބުކޮށްދިން ކަމަށެވެ.

"ކަރަޕްޝަން ނައްތަލާ ރައްޔިތންނަށް ލުއި ފަސޭހަ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާތީ އޭގެ ސބަަބުން އަޅުގަނޑުމެނަށް އިންތިހާބު ކާމިޔާބުކޮށްދިނީ . އެހެންވީމާ އެކަން ސާބިތުކޮށްދޭން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ. "މުދަލާއި ފައިސާއާއި ކުރިއެރުމާއި މަޝްހޫރު ކަމާއި މިއީ އިންސާނުން އެދޭނެ ކަންކަން އެއީއަކީ ގޯހެއް ވެސް ނޫން. އެހެން ނަމަވެސް ގޯހަކީ އެހެން ހުރިހާ ކަަަމަކަށްވުރެ މިކަކަން އިސްކުރުން. ގައުމަށް ހިދުމަތް ކުރުން އެންމެ ބޮޑު ކަމަކީ މުދަލާ މާއްދީ ކުރިއެރުންތަކުގެ ކުރިމަތީގައި ގިނަ މިހުން ހެއްލިގެންދޭ ހެއްލިގެން ދަނީއަކީ އެކަންޏެއް ނޫން . ހަލާކުވެގެންވެސް ދަނީ، އެއީ މިހާރު ފެންނަ މަންޒަރެއް. ބަޔަކު ހަލާކުވެގެން ހިނގައްޖެ އޭގެ ސަބަބުން"