ހައްޖުވުމަށް ދޫކުރާ ހާއްސަ ވިސާއެއް ކަމުގައިވާ މުޖާމަލާ ވިސާއަކީ ހުއްދަ ނަގައިގެން ޖަހަން ޖެހޭ އެއްޗެއް ނޫން ކަމަށާއި ދައުލަތުން ދައުވާ އުފުލާފައި ވަނީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ކުރީގެ އަރަބިއްޔާ ސުކޫލްގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ މުސްތަފާ ވިދާޅުވެއްޖެ އެވެ.
ނަސްރުﷲގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރުމުގެ ދެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ތިން ދައުވާ އަށް އޭނާ ވަނީ ކުރިން އިންކާރުކުރައްވާފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ ޝަރީއަތް ފެށުމުގެ އަޑުއެހުމެވެ. އިބްތިދާއީ މަރުހަލާގައި ނަސްރުﷲ ވަނީ ދައުވާތަކަށް އިންކާރުކުރައްވާފަ އެވެ.
ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވަނީ ނަސްރުﷲގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތައް ހާމަކޮށްފަ އެވެ. އެނގިހުރެ ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރުމުގެ ފުރަތަމަ ދައުވާ އަށް ހަ ހެއްކެއް އަދި ދެވަނަ ދައުވާއަށް ފަސް ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ނަސްރުﷲ އެއްވެސް ހައްޖު ޖަމާއަތަކާ ނުގުޅި، ހަމަޖެހިފައިވާ އުސޫލުތަކުން ބޭރުންނާއި އިސްލާމިކް މިނިސްޓްރީގެ އުސޫލުތަކާ ހިލާފަށް 1438 ވަނަ އަހަރު ބަޔަކު ހައްޖަށް ގެންދިއުމުން ކަމަށް ދައުލަތުންގެ ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ދައުވާތައް ސާބިތުކުރުމަށް ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ އިސްވެރިޔާ މުހައްމަދު ޔޫސުފްފުޅު ވެސް ހިމެނެ އެވެ.
ތިން ވަނަ ދައުވާ ސާބިތުކުރުމަށް ވެސް ހަ ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ނަސްރުﷲ އޮޅުވާލައިގެން ހައްޖަށް ފޮނުވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ހެކިވެރިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.
ތިން ދައުވާގެ ތެރެއިން ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއަށް ޖަވާބުދެއްވަމުން ނަސްރުﷲ ވިދާޅުވެފައި ވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މުޖާމަލާ ވިސާ ޖަހާއިރު އެއްވެސް ބައެއްގެ ހުއްދަ ނަގަން ނުޖެހޭ ކަމަށެވެ. އެ ވިސާގެ އެއްވެސް ކޮޕީއެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށާއި އެއީ ކަމުގެ ހަގީގަތް އޮޅުވައިލަން ކޮށްފައިވާ ކަމެއް ކަމަށެވެ.
"ސައުދީ އެމްބަސީއިން ދޫކުރާ ހާއްސަ ވިސާ، މުޖާމަލާ ވިސާ ޖަހާއިރު އެއްވެސް ތަނެއްގެ ހުއްދަ ނަގާކަށް ނުޖެހޭ. އެއީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން. މިއީ ސީދާ އަޅުގަނޑުގެ ޒިންދަގީ ދުއްވާލަން ކޮށްފަ އޮތް ދައުވާއެއް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ އަކީ ސިސިލްފަރު ހައްޖު ގުރޫޕްގެ ސީއީއޯ ކަމަށާއި ކޮންމެ ފަހަރަކު ހައްޖަށް ފޮނުވާ ގްރޫޕްތަކުގެ ރައީސަކަށް ވެސް ހުންނަވަނީ އޭނާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އޭނާގެ އަތުގައި ސިސިލްފަރުގެ ލިޔެކިޔުންތަކާއި ތައްގަނޑު ފަދަ ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ހަތަރު މީހަކަށް ވިސާ ޖަހައިދިންއިރު ދެ މީހަކަށް ލިޔެދިން ސިޓީގައި އެ ހައްޖު ގްރޫޕްގެ ވެރިޔާ
މުހައްމަދު ޔޫސުފްގެ ނަމުގައި އޭނާގެ ސޮއިކޮށްފައިވާކަމަށް ދައުލަތުން ތުހުމަތުކޮށްފައި ވީ ނަމަވެސް، ސޮއިކޮށްފައިވާނީ "އޮން ބިހާފް އޮފް މުހައްމަދު ޔޫސުފް" ޖެހުމަށްފަހު ކަމަށް ވިދާޅުވި އެވެ.
ނަސްރުﷲ ގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ ދެ ހެއްކެވެ. އެއީ މުހައްމަދު ޔޫސުފްފުޅު އަދި އޭރު އިސްލާމިކް މިނިސްޓްރީގެ ކުރީގެ މުޝްރިފް މުސާއިދު، މުހައްމަދު ފާއިޒް އެވެ. ފާއިޒް ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ހައްޖަށް ފޮނުވި މީހުންގެ ވިސާ އަކީ ހުއްދަ ނަގަން ޖެހޭ ވިސާއެއް ނޫން ކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށް ކަމުގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ދެން އޮންނާނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެދުވަހުން ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިންމައިލާނެ ކަމަށް ގާޒީ ސޮފްވަތު ހަބީބް ވިދާޅުވި އެވެ.
މި މައްސަލައިގެ ތުހުމަތުގައި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ހައްޔަރު ވެސް ކުރި އެވެ. ހައްޔަރު ކުރުމަށް ފަހު ހަމަ އެދުވަހު ވަނީ ދޫކޮށްލާފަ އެވެ.