ދުނިޔެ

އަފްޣާންގެ ކުރީގެ ވަޒީރަކު ޕިއްޒާ ޑެލިވަރީގައި

އަފްޣާނިސްތާނުގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ސައްޔިދު އަހުމަދު ސާދާތު ގައުމުން ބޭރުގައި ޕިއްޒާ ޑެލިވާ ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ދައުރުވެ ދުނިޔޭގެ ސަމާލުކަން ހޯދައިފި އެވެ. އެ ފޮޓޯތައް އަލްޖަޒީރާއިން ވެސް ޓްވީޓް ކޮށްފައި ވެއެވެ.

އިއްޔެގެ ވަގުތެއްގައި ނަގާފައިވާ އެ ފޮޓޯތަކުގައި މިނިސްޓަރު ސައްޔިދު ބައިސްކަލެއްގައި ޕިއްޒާ ޑެލިވަރީ ކުރާ މަންޒަރު ފެނެ އެވެ. އޭނާ ދިރިއުޅުއް ވަނީ ޖަރުމަނުގަ އެވެ.

އަފްޣާނުގެ ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ދިރިއުޅުންވުން ޖަރުމަނަށް ބަދަަލު ކުރެއްވީ މިދިޔަ އަހަރުގެ ފަހުކޮޅު މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ. މިނިސްޓަރު ސައްޔިދަކީ ކޮމިއުނިކޭޝަންގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާ ދެ މާސްްޓާސް ޑިގްރީ އޮންނަ ބޭފުޅެކެވެ.

މިނިސްޓަރު ސައްޔިދު 23 އަހަރު ވަންދެން ކޮމިއުނިކޭޝަން ދާއިރާގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި 20 ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާއިރު 13 ގައުމެއްގައި ވެސް މަސައްކަތް ކުރެއްވި އެވެ. މީގެ އިތުރުން 2005 އިން 2013 އަށް އަފްޣާނިސްތާނުގެ ކޮމިއުނިކޭޝަން އެންޑް އިންފޯމޭޝަން ޓެކްނޮލަޖީގެ ޓެކްނިކަލް އެޑްވައިޒަރެއްގެ ރޯލް އަދާ ކުރެއްވި އެވެ.

މީޑިއާއިން މިނިސްޓަރު ސައްޔިދުއާ ސުވާލު ކުރުމުން ޕިއްޒާ ޑެލިވަރީ ކުރާ ފޮޓޯތަކުން ފެނިގެން ދަނީ އޭނާކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި ނޫހަކަށް މައުލޫމާތު ދެއްވަމުން ކުރީގެ މިނިސްޓަރު ވިދާޅުވީ ޖަރުމަނު ކުންފުންޏެއް ކަމަށްވާ "ލިވްރަންޑޯ" އަށް ކާ އެއްޗެހި ޑެލިވަރީ ކޮށްދޭން ފައްޓަވާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަން ފެއްޓެވީ އޭނާ އަތްޕުޅުގައި ހުރި ފައިސާ ހުސްވުމުން ކަމަށެވެ.

ސައްޔިދު މިނިސްޓަރުކަން އަދާކުރެއްވީ 2018 ވަނަ އަހަރުން ފެށިގެން 2020 އަށް އަޝްރަފް ޣަނީގެ ކެބިނެޓުގަ އެވެ. ނަމަވެސް ސައްޔިދު އާއި ޣަނީ ދެމެދު ދިމާވި މައްސަލަ ތަކަކާއި ގުޅިގެން މަގާމުން އިސްތިއުފާ ދެއްވީ އެވެ.