އަބްދުﷲ ޝާހިދު

މުޅި ދިވެހި ގައުމު އޮތީ ޕެރަލިމްޕިކްސްގެ ދިވެހި އެތުލީޓުންނާއެކީ: ޝާހިދު

Aug 26, 2021

ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކްސްގައި ވާދަކުރުމަށްޓަކާ ޖަޕާނުގައި މިވަގުތު ތިބި ދިވެހި އެތުލީޓުންނާއި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޖަޕާނު ސަރުކާރުގެ ދައުވަތަކަށް، މިނިސްޓަރު ޝާހިދު މިވަގުތު ހުންނެވީ އެ ގައުމުގަ އެވެ.

ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކްސްގައި ރާއްޖެއިން ވާދަކުރަނީ ދުވުމުގެ އިވެންޓުތަކުގެ ތެރޭގައި ހިމެނޭ 100 މީޓަރު ސުޕްރިންޓުގަ އެވެ. މި އިވެންޓުގައި ބައިވެރިވާ ރާއްޖޭގެ ހަމައެކަނި ދެ އެތުލީޓުންނަކީ ލޯފަން ދެ ކުދިން ކަމުގައިވާ މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހީމް އެވެ.

ދިވެހި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވާތީ ދިވެހި އެތުލީޓުންގެ ނަންތައް ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މި މުބާރާތުގައި ތަމްސީލުކުރާ ދިވެހި އެތުލީޓުން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ޒާތުގައި ގައުމަށް ހޯދައިދީފައިވާ ރަން މެޑަލެއް ކަމަށެވެ. މާޒިންއާ ފާތިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިއަށްދާ ދެ އެތުލީޓުން ކަން ފާހަގަކުރައްވައި ދެ އެތުލީޓުންނަށް ވެސް މިނިސްޓަރު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު ޝާހިދު ވަނީ ދެ އެތުލީޓުން މުބާރާތުގައި ދުވާ ދުވަހު، ދެ އެތުލީޓުންނަށް ހިތްވަރުދީ، އަދި ކާމިޔާބީއަށް އެދި ހެޔޮ ދުއާ ކުރުމުގައި މުޅި ދިވެހި ގައުމުގެ ކުދި ބޮޑު އެންމެހާ ރައްޔިތުން އެވަގުތު ދަނޑުގައި ތިބި ކަމަށް ދެކިގެން ހިތްވަރާއެކު ގައުމު ތަމްސީލުކޮށް ދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.

މި ބައްދަލުވުމުގައި، އެތުލީޓުންނާއި އަދި ޓީމުގައި ހިމެނޭ އޮފިޝަލުން ދެއްކެވި ވާހަކައިގައި މި މުބާރަތަށް މަގުފަހި ކޮށްދިނުމަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށާއި އަދި ސަރުކާރަށް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި އދގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރަކޮށް އުޅުއްވަމުންވެސް، ވަގުތު ހޯއްދަވައިގެން ކުޅުންތެރިންނާ އަދި އޮފިޝަލުންނާ ބައްދަލު ކުރެއްވި ކަމަށްޓަކާ ޝާހިދަށް ޝުކުރު އަދާކުރެއްވި އެވެ.

ޕެރަލިމްޕިކްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ، ޖަޕާނުގައި މި އިވެންޓުތައް ކުރިއަށް ދާއިރު، އިންވެޓުތަކާ ގުޅޭ ޚަބަރުތައް ވިހާވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންނަށާއި އަދި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ އާއިލާތަކާއި ހަމައަށް ފޯރުކޮށް ދިނުމުގައި އެހީތެރިވެދިނުމަށް މިނިސްޓަރު ޝާހިދުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ޖާޕާނުގައި ހުންނަވާ ދިވެހި އެމްބެސެޑަރު އިބްރާހިމް އުވައިސްއާއި، ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެ ތަމްސީލުކުރާ ދެ ކުޅުންތެރިންނަށް، ރައީސް ސޯލިހުގެ ފަރާތްޕުޅުން ތަހުނިޔާ ވެސް ދަންނަވާފަ އެވެ.