ފޮރިން މިނިސްޓްރީ

ވިސާ ނެތި ސައުދީއަށް ދެވޭނެ ގޮތް ހަމަޖެހިއްޖެ

ދުރާލާ ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ސައުދި އަރަބިއްޔާ އަށް ދަތުރުކުރެވޭނެ އިންތިޒާމު ސައުދީ ސަރުކާރުން ހަމަޖައްސައި ދީފި އެވެ.

އޮންއެރައިވަލް ވިސާދާ ނެގުމަކާ ނުލައި ސައުދި އަރަބިއްޔާއަށް ދަތުރުކުރެވޭނެ އަށް ގައުމެއް ސައުދީ ސަރުކާރުން އިއުލާންކުރިއިރު ރާއްޖޭގެ ނަން މީގެތެރޭގައި ހިމެނެ އެވެ.

ރާއްޖޭގެ އިތުރުން ހިމެނެނީ އަލްބޭނިއާ، އަޒަރްބައިޖާން، ޖޯޖިއާ، ކިރިގިސްތާން، ސައުތް އެފްރިކާ، ތަޖިކިސްތާން އަދި އުޒްބަކިސްތާން އެވެ.

ތައުލީމާއި ވަޒީފާގެ ބޭނުންތައް ފިޔަވާ އެހެން ބޭނުންތަކަށް އޮންއެރެވަލްވިސާ ދޭން ސައުދީން ވަނީ ނިންމާފަ އެވެ. ސައުދި އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓޫރިޒަމް، ވިޔަފާރި އަދި ހައްޖާއި އުމްރާގެ އަޅުކަމާއި ރައްޓެހންނާ ބައްދަލުކުރުމުގެ ބޭނުމުގައި އެ ގައުމަށް ދަތުރުކުރާ މީހުން ދެން ކުރިއާލާ ވިސާ ނަގަން ނުޖެހޭނެ ކަމަށެވެ.

މިނިންމުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

އޮން އެރައިވަލް ވިސާގައި އެތެރެވާ މީހުން ވިސާގެ މުއްދަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސައުދީ ސަރުކާރުން ވަނީ އެދިފަ އެވެ. އަދި އޮންއެރައިވަލް ވިސާގައި އެ ގައުމަށް އެތެރެވާ މީހުން އާމްދަނީއަށް ވަޒީފާ އަދާކުރުމަކީ މަނާކަމެއް ކަމަށްވެސް ސައުދީ ސަރުކާރުން ހަނދާންކޮށްދީފައިވެ އެވެ.