އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސަމިޓްގެ ހަވާސާގައި ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.
ނީޖާ ގެ ވެރިރަށް ނިއާމޭގައި މިހާރު ކުރިއަށްދާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމަށް
ނިއާމޭއަށް ވަޑައިގަތުމުގެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ސައުދީ އަރަބިއްޔާގައި މަޑުކުރައްވާފައެވެ. އަދި ވެރިރަށް ރިޔާޒްގައި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވިއެވެ. މިނިސްޓަރ ޝާހިދު ނީޖާގެ ނިއާމޭއަށް ވަޑައިގަތީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާންގެ އަރިހުގައެވެ.
ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން ޝާހިދު ވަނީ ތުރުކީވިލާތުގެ ހާރިޖީ ވަޒީރާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓާކިޝް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާ ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާތީ އެކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ސަމިޓްގެ ހަވާސާގައި ސެނެގާލްގެ އާ ފޮރިން މިނިސްޓަރު އައިސަތާ ޓޯލް ސޯލްއަށް އާ ބައްދަލުކުރައްވައި، އެކަމަނާ އަށް މިނިސްޓަރު ޝާހިދު މަރުހަބާ ވިދާޅުވިއެވެ. އަދި މޮރިޓޭނިއާގެ ފޮރިން މިނިސްޓަރު އިސްމާއިލް އައުލްދް ޝެއިހް އަހްމަދު އާއިވެސް ބައްދަލުކުރެއްވިއެވެ. ސަމިޓްގެ ތެރެއިން ބޭއްވެވި މި ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާއި މޮރިޓޭނިއާ ދުރުގައި އޮތްނަމަވެސް ދެ ގައުމަކީ ގިނަ ދާއިރާތަކަކުން އެކުގައި މަސައްކަތްކުރާ ގާތް ދެ ގައުމު ކަމަށެވެ.
ދަ ގެމްބިއާގެ ފޮރިން މިނިސްޓަރު މަމަދޯ ޓަންގަރާ އާވެސް މިނިސްޓަރު މިއަދުގެ ސަމިޓްގައި ބައްދަލުކުރެއްވިއެވެ. މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގަމުންދާ ޖަރީމާތަކަށް އިންސާފު ހޯދުމަށް ދިވެހިރާއްޖެ އާއި ދަ ގެމްބިއާ ގުޅިގެން ބައިނަލްއަގްވާމީ ކޯޓުގައި ކުރިއަށްދާ މައްސަލާގައި ދެ ގައުމުގެ ވަކީލުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.