ފޮރިން މިނިސްޓްރީ

ތުރުކީގެ ފޮރިން މިނިސްޓަރު ފުރާވަޑައިގެންފި

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.

މެވްލުތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މެވްލުތު ދެ ދުވަހުގެ މުއްދަތަކަށް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީއާއި ރާއްޖެއާ ދެމެދު ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެންމެ މުހިއްމު އެއްބަސްވުމަކީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓްއާ ތުރުކީވިލާތުގެ ޑިޕްލޮމެސީ އެކަޑަމީއާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމެވެ.

އެ އެއްބަސްވުމުގެ ދަށުން ހާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ހާރިޖީ ދާއިރާގެ ތައުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެ އެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ހާރިޖިއްޔާގައި ޕްރޮފެޝަނަލް ހިދުމަތް ދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެ އެވެ.

އަލަށް އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނުގެ ދަށުން ފޮރިން ސާވިސް އިތުރަށް ހަރުދަނާކުރުމަށް ފޮރިން ސާވިސް އިންސްޓިޓިއުޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން، ޒަމާނީ އަދި ހަރުދަނާ ފޮރިން ސާވިސްއެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތުރުކީއާއި ރާއްޖެއާއި ދެމެދު ވިޔަފާރިއާއި އިގްތިސޯދީ ގުޅުންތައް ވަރުގަދަ ކުރުމަށާއި ދަނޑުވެރިކަން ފުޅާކޮށް ތަރައްގީކުރުމަށާއި ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އަދި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމަށް ވެސް އެއްބަސްވުނަތަކުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މިނިސްޓަރު މެވްލުތު ހުކުރު ދުވަހު ރާއްޖެއަށް ވަޑައިގެންނެވިއިރު މިދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ މުއައްސިސުންގެ ތެރޭގައި ވެސް ހިމެނޭ މިނިސްޓަރު މެވްލުތަކީ މިހާތަނަށް ރާއްޖެ ވަޑައިގެންނެވި ތުރުކީގެ އެންމެ އިސް އޮފިޝަލެވެ.

މެވްލުތް ތުރުކީގެ ހާރިޖީ ވަޒީރުކަމާ އެންމެ ފަހުން ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ވެސް ތުރުކީގެ ފޮރިން މިނިސްޓަރު ކަން ކުރައްވާފަ އެވެ.

ރާއްޖެ އާއި ތުރުކީ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ މީގެކުރިން 42 އަހަރު ކުރިން 1979 ވަނަ އަހަރު އެވެ.