ތުރުކީ

ވިސާނެތި ތުރުކީއަށް ދެވޭގޮތް ހަދަނީ

ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތުރުކީ އަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމްކުރަން ނިންމައިފި އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ތުރުކީވިލާތަށް ހުށަހެޅުއްވިކަމަށާއި އަދި އެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް ވިދާޅުވި އެވެ.

މިއީ ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ ހަވަނަ ގައުމެވެ.

މީގެކުރިން އެފަދަ އިންތިޒާމުތަކެއް ހަމަޖެހިގެން ދިޔައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް، މޮރޮކޯ އަދި ޗައިނާ އިންނެވެ.

‎މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރެއްވި މަޝްވަރާތަކަށްފަހު ސައުދީއަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާ އަށް ދަތުރުކުރުމުގައި ވެސް ދިވެހިންނަށް ވިސާގެ ލުއިފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސައިދީފައިވެ އެވެ.