ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޝަވުޝުގްލު މިހާރު ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޝަވުޝުގްލު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެެވެ.
ދެ ގައުމުގެ ދެމެދުގައި އެންމެ ފުރަތަމަ ސޮއި ކުރީ ފޮރިން ސާވިސް ކުރިއަރުވަން ތުރުކީގެ ޑިޕްލޮމަސީ އެކަޑަމީއާ އެކުވި އެއްބަސްވުމުގަ އެވެ. އެ އެއްބަސްވުމުގައި ތުރުކީގެ ފަރާތުން ސޮއި ކުރެއްވީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝާލޫ އެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ތުރުކީއާއި ރާއްޖެއާއި ދެމެދު ވިޔަފާރިއާއި އިގްތިސޯދީ ގުޅުންތައް ވަރުގަދަ ކުރުމަށްވި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒު އެވެ. ދަޑުވެރިކަމާއި ގުޅޭގޮތުން ވި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ތިމާވެށީގެ ދާއިރާއިން ވި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޝައުނާ އެވެ. އަދި ސަގާފަތާއި ތަރިކައިގެ ދާއިރާން ވި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގެވެ. ހުރިހާ އެއްބަސްވުންތަކުގައި ތުރުކީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މެވްލުތެވެ.
މިއަދު މިނިސްޓަރު މެވްލުތް ވަނީ ފޮރިން މިނިސްޓަރު ޝާހިދާއެކު ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ވެސް ކުރައްވާފަ އެވެ.
މިނިސްޓަރު މެވްލުތުގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ މުއައްސިސުންގެ ތެރޭގައި ވެސް ހިމެނޭ މިނިސްޓަރު މެވްލުތަކީ މިހާތަނަށް ރާއްޖެ ވަޑައިގެންނެވި ތުރުކީގެ އެންމެ އިސް އޮފިޝަލެވެ.
މެވްލުތް ތުރުކީގެ ހާރިޖީ ވަޒީރުކަމާ އެންމެ ފަހުން ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ވެސް ތުރުކީގެ ފޮރިން މިނިސްޓަރު ކަން ކުރައްވާފަ އެވެ.
ރާއްޖެ އާއި ތުރުކީ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ މީގެކުރިން 42 އަހަރު ކުރިން 1979 ވަނަ އަހަރު އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފައި މިވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު ސީދާ ދަތުރުތައް ފެށި، ދިވެހިން ތުރުކީ އަށް ދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގަ އެވެ.