ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މެވްލުތް ޗަވުޝޯލޫ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
މިނިސްޓަރު މެވްލުތުގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
މެވްލުތުގެ މިދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާނެ އެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދާއެކު ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. މީގެއިތުރުން ބައެއް އެމްއޯޔޫތަކުގައި ސޮއި ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ މުއައްސިސުންގެ ތެރޭގައި ވެސް ހިމެނޭ މިނިސްޓަރު މެވްލުތަކީ މިހާތަނަށް ރާއްޖެ ވަޑައިގަންނަވާ ތުރުކީގެ އެންމެ އިސް އޮފިޝަލެވެ.
މެވްލުތް ތުރުކީގެ ހާރިޖީ ވަޒީރުކަމާ އެންމެ ފަހުން ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ވެސް ތުރުކީގެ ފޮރިން މިނިސްޓަރު ކަން ކުރައްވާފަ އެވެ.
ރާއްޖެ އާއި ތުރުކީ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރު އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި މިވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު ސީދާ ދަތުރުތައް ފެށި، ދިވެހިން ތުރުކީ އަށް ދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގަ އެވެ.