ދުނިޔެ

ޖައްވީ ޓޫރިޒަމް ފެށެން ދެން މާގިނަ ދުވަހެއް ނުނަގާނެ

Nov 25, 2015

ޖައްވަށް ފޮނުވި ރޮކެޓެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު އެނބުރި ބިމަށް ގެނެވުނު ހަބަރާއެކު ޖައްވީ ފަތުރުވެރިކަމަށް ކުރެވޭ އުންމީދުތައް އިތުރުވެއްޖެއެވެ. އެމޭޒަން ޑޮޓް ކޮމް ގެ ވެރިޔާ ޖެފް ބީޒޯސްގެ އަމިއްލަ ޖައްވީ ކުންފުނި ބްލޫ އޮރިޖިން އިން ފޮނުވާލި ރޮކެޓު ޖައްވުގައި އުދުހުމަށްފަހު އެނބުރި އައިސް ބިމައް ޖެއްސުން މިއީ ޖައްވީ ދަތުރު ފަތުރުގެ ތާރީހުގައި ކުޑަ ކާމިޔާބީއެއް ނޫނެވެ.

އެމެރިކާގެ ބިލިއަނަރު ބުނީ މިފަދަ އިތުރު ޓެސްޓު ދަތުރެއް ވަރަށް އަވަހަށް ޖައްސާނެ ކަމަށެވެ. ބްލޫ އޮރިޖިންގެ ފަރާތުން މީގެ ކުރިން ކުރި މިދަފަ ޓެސްޓުގައި ރޮކެޓު އެނބުރި ބިމައް ޖެއްސޭ ގޮތެއް ނުވިއެވެ. މި ފަހަރުގެ ކާމިޔާބު ޓެސްޓުގައި ފޮނުވާލި އުޅަނދުގައި އެއްވެސް މީހަކު ނެތަސް، މި އުޅަނދަކީ ހަ މީހުން ގޮވައިގެން ޖައްވީ ދަތުރަކަށް ދެވޭނެ ޖާގަ އާއި ގާބިލުކަން ހުރި އުޅަނދެކެވެ.

އެއް ފަހަރަށްވުރެ ގިނައިން ޖައްވަށް ދަތުރު ކުރެވޭނެ މިފަދަ ރޮކެޓެއް ނުވަތަ އުޅަނދެއްގެ ހިޔާލު، މިހާތަނަށް ވެފައި އޮތީ ހަގީގަތާ ދުރު ހުވަފެނަކަށެވެ. މިއީ މި ހިޔާލަށް ޑިޒައިން ކުރި ފުރަތަމަ އުޅަނދެއް ނޫނެވެ. އެކި އެކްސްޕެރިމަންޓްތައް ކޮށްފައިވާއިރު، ކުދި ކުދި ކުރިއެރުންތައް އައީ ލިބެމުންނެވެ.

ވިޔަފާރި އުސޫލުން މީހުން ޖައްވަށް ގެންގޮސްދޭ މޮޑެލްއެއް އަދި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިއީ ޖެފް ބީޒޯސްގެ ދެކެން ބޭނުންވާ ދުވަހެކެވެ. ފަހަރެއްގައި މިއީ ޖައްވީ ފަތުރުވެރިކަމާ ގާތަށް އޭނާ އެޅި އެންމެ ބޮޑު ފިޔަވަޅެވެ.

ޖެފް ބީޒޯސްގެ ޖައްވީ އުޅަނދުތައް އެންމެ ފުރަތަމަ ބުރުޖަހާނީ ސައިންޓިފިކް ތަހުލީލުތައް ކުރުމަށް މީހުނާ ނުލައެވެ. ވިޔަފާރި އުސޫލުން މި ދަތުރުތައް އަންނަ އަހަރު ޖެއްސޭވަރު ވާނެ ކަމަށް ބެލެވެއެވެ. އެއަށްފަހު ދެންއޮތީ، ޓިކެޓު ވިއްކައިގެން ފަތުރުވެރިން ޖައްވަށް ގެންދިއުމެވެ.

ޖައްވީ ފަތުރުވެރިކަން ތައާރަފް ކުރުމަށް ތަހުލީލުތައް ކުރަމުންދާ އެހެން ބައެއް އަމިއްލަ ކުންފުނި ތަކަށް ބަލާއިރު ވާޖިން ގެލެކްޓިކާއި ސްޕޭސް އެކްސް ފާހަގަ ކުރެވެއެވެ. ވާޖިން ގެލެކްޓިކަކީ ވާޖިން ގްރޫޕްގެ ވެރިޔާ ރިޗަޑް ބްރެންސަންގެ އުންމީދުން ފުރިގެންވާ ޕްރޮޖެކްޓެކެވެ. ސްޕޭސް އެކްސް ގެ ވެރިޔާއަކީ ޕޭޕާލް އާއި ޓެލްސާ މޮޓޯސްގެ އިތުރުން ސޯލާ ސިޓީފަދަ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ބަދަލު ކޮށްލި ޕްރޮޖެކްޓް ތަކެއް އުފަންކުރި އިލާން މަސްކެވެ.

ކޮންމެއަކަސް ޖައްވީ ފަތުރުވެރިކަމުގެ ވާހަކަ އަކީ މިހާރު ދުރު ހުވަފެނެކޭ ބުނެވޭކަށް ނެތެވެ. ޖައްވީ ޓެކްނޮލޮޖީ ތަރައްގީ ވަމުންދާ ބާރުމިނަށް ބަލާއިރު، ދުނިޔޭގެ ސަތަހައިން ބޭރަށް ނުކުމެ ފިނިބުރެއް ޖަހާލާ ސެލްފީ ނަގާލާ ދުވަސް އަންނަން ދެން މާގިނަ ދުވަހެއް ނަގާނެއެކޭ ނުބުނާނަމެވެ. – މައުލޫމާތު : ބީބީސީ، ޔޫއެސްއޭ ޓުޑޭ، ސީއެންއެން